މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ
ޤާނޫނު (އާރްޓީއައި ޤާނޫނު) މިސްޔޫސް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.
އާހިދު އެހެން ވިދާޅުވީ ރާއްޖެޓީވީން ރައީސް
އޮފީހާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގަ އެވެ. މި އަޑުއެހުމުގައި އައިކޮމްއިން
ވަނީ ރައީސް އޮފީހުން ތަކުރާރުކޮށް ކޮމިޝަނަރުގެ ޒިންމާތަކަށް ހުރަސް އަޅަމުންދާތީ
އެ އޮފީސް 2000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. އެގޮތުން ރައީސް އޮފީސް ޖޫރިމަނާ
ކޮށްފައިވަނީ އާރްޓީއައި ޤާނޫނުގެ 67 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުންނެވެ.
އައިކޮމްއިން ރައީސް އޮފީސް ޖޫރިމަނާ ކުރީ
އާރްޓީއައިތަކަށް އޮންނަ މުއްދަތުގައި ޖަވާބު ނުދީ އޮތުމުން ހުށަހެޅިފައިވާ
ޝަކުވާތައް ބެލުމަށްފަހު އެކަންކަން ރަނގަޅު ކުރަން ދިން މުއްދަތުގައިވެސް ރައީސް
އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައިނުވާތީ އެވެ.
އެކަމާ ގުޅޭގޮތުން އާހިދު ވިދާޅުވީ، ރައީސް
އޮފީހުން ބާއްވާ އެކިއެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އާރްޓީއައި ހުށަހަޅާ
ފަރާތްތައް ކުށްވެރިކޮށް ވާހަކަ ދައްކަމުންދާ ކަމަށާއި، އާރްޓީއައި ހުށަހަޅަނީ
ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެންކަމަށް ބުނަމުންދާ ކަމަށެވެ.
އެހެންނަމަވެސް، ހަގީގަތުގައި މި ޤާނޫނު މިސްޔޫސް
ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަން އާހިދު ފާހަގަ ކުރެއްވި އެވެ.
އާރްޓީއައި ހުށަހަޅާ ފަރާތްތައް
ގޯސްކުރައްވައި ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް މީގެ ކުރިން ވަނީ
ވާހަކަ ދައްކަވާފައެވެ. އެގޮތުން އުޝާމް ވިދާޅުވީ، އާރްޓީއައި ޤާނޫނު ހެޔޮ
ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމަކީ ބޭނުންތެރި
ކަމެއް ކަމަށާއި، ގިނަފަހަރު ފެނިގެންދަނީ އާރްޓީއައި. ޤާނޫނުގެ ބޭނުން ނަހަމަ
ގޮތުގައި ހިފާތަންކަމަށެވެ. އަދި ވިދާޅުވީ، ބައެއް ފަރާތްތަކުން ހުށަހަޅާ
އާރްޓީއައިތަކުގެ ސަބަބުން އިދާރާތަކުގެ ވަރަށް ގިނަ ވަގުތުތައް އެކަމަށް
ހޭދަކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުގެ ތަރުޖަމާނު
މުޙައްމަދު ހުސައިން ޝަރީފުވެސް ވަނީ ހުށަހަޅާ ހުރިހާ އާރްޓީއައިއަކީ ސައްޙަ
އާރްޓީއައިއެއް ނޫންކަމަށް ވިދާޅުވެ، އާރްޓީއައިތަކަށް ޖަވާބު ނުދިނުން ދިފާއު ކުރައްވާފަ
އެވެ.