ބޮޑުކަންނެލީގެ މަސްވެރިކަމަށް ހާއްސަކޮށް ހުޅުމާލޭގައި އަޅާ ކާރުހާނާ މި އަހަރު ތެރޭ ހުޅުވައި ހިދުމަތް ދޭން ފަށަން މަސައްކަތްކުރަމުންދާ ވިދާޅުވުމަށްފަހު އެ ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ބޮޑުކަންނެލީގެ މަސްވެރިކަމަށް ހާއްސަކޮށް ހުޅުމާލޭގައި އަޅާ ކާރުހާނާ މި އަހަރު ތެރޭ ހުޅުވައި ހިދުމަތް ދޭން ފަށަން މަސައްކަތްކުރަމުންދާ ކަމަށް މިދިޔަ މާޗު މަހު މިނިސްޓަރު ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރަން މި ސަރުކާރުން ވައުދުވި 100 މެޓްރިކް ޓަނުގެ ކަންނެލިމަސް ފެކްޓްރީ އަޅަން ޕްރައިވެޓް ކުންފުންޏަކާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.
އާދެ، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ފެކްޓްރީއެއް ގާއިމުކުރުމަށް އަޅުގަނޑުމެން މި ވަނީ މިދިޔަ ހަފުތާގައި ބަޔަކާ ހަވާލުކޮށްފައި. އަޅުގަނޑުމެން މި ބަލަނީ، ފެކްޓްރީގެ ކަންނެލި މަސްވެރިންނަށް ހައްލު ހޯދައިދިނުމަށްޓަކައި ގާއިމް ކުރެވޭ ފެކްޓްރީގެ އެ ބައި ކުރިއަށް އޮތް 18 މަސްދުވަސް [ދޮޅު އަހަރު] ތެރޭ މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށްފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
މި ސަރުކާރުން ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދު ފުއްދަވާނީ އެ ފެކްޓްރީ މެދުވެރިކޮށް ކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން އެ ކަންނެލި މަސްވެރިން އެންމެ ބޮޑަށް ސަރުކާރުގައި އެދޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ކަންތައް ކަމަށެވެ.
ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަސްވެރިން ވަނީ ސިލްސިލާ އިހުތިޖާޖުތަކެއް ކޮށްފަ އެވެ. އެ އިހުތިޖާޖުތައް ހޫނުވެ، 15 ޑިސެމްބަރުގައި ޝިޔާމް ވަނީ އެ ޔޫނިއަންގެ މަސްވެރިންގެ ޓީމާ ބައްދަލުކޮށް އެ މަސްވެރިންގެ ޑިމާންޑުތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އޭރު މިނިސްޓަރު ތަކުރާރު ކޮށް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަމަށް ހާއްސަކޮށް ހުޅުމާލޭގައި އަޅާ ކާރުހާނާ މި އަހަރު ތެރޭ ހުޅުވައި ހިދުމަތް ދޭން ފަށަން މަސައްކަތް ކުރައްވާނެ ކަމަށެވެ.