ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށް އިޙުތިރާމު އަދާކުރައްވައި ތަޢުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ގަތަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މި ދަތުރުފުޅުގައި ގަތަރުގެ އަމީރު ވަނީ ރައީސް މުޢިއްޒުއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުން، ދިވެހިރާއްޖެއާއި ގަތަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގުޅުމަށް ދިވެހިރާއްޖެއިން ދޭ ޚާއްޞަ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ގަތަރުގެ ކުރީގެ އަމީރު ވަނީ ރާއްޖެއަށް ފާހަގަކޮށްލެވޭފަދަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާފައެވެ. މީގެ ތެރޭގައި، ގަތަރު އެއަރވޭޒް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ޤާއިމުކުރުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ބިނާކުރުން ހިމެނެ އެވެ. ގަތަރުގެ އަމީރުކަމުގެ މަޤާމުގައި ހުންނެވިއިރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ވަނީ، 2005 ވަނަ އަހަރު ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.

ދިވެހިރާއްޖެއާއި ގަތަރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 26 މެއި 1984 ގައެވެ.