ހ. ފެންޓޮނޯއީގޭގެ 9 ވަނަ ބުރިން ހައްވާ ޔުމްނު ވެއްޓިފައި އޮތް ހާދިސާގައި ދޮގު މައުލޫމާތު ދީފައިވާތީ އެ މައްސަލަ ތަހުގީގުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް ވަކިކުރަން ގޮވާލާފައިވަނިކޮށް އޭނާ އެ މަގާމުން ދުރު ކުރުމަށްފަހު އަނެއްކާ ވެސް އެ މަގާމަށް އޭނާ އައްޔަނުކޮށްފި އެވެ.

ފުލުހުން ވަނީ މިކަން ރާއްޖެއެމްވީ އަށް ކަށަވަރު ކޮށްދީފަ އެވެ. ފުލުހުން ބުނީ ސާމިހު އެ މަގާމަށް އަލުން އައްޔަނުކުރީ މިފަހުން ފުލުހުންގެ މުއައްސަސާގެ އޮނިގަނޑަށް ގެނައި ބަދަލުގެ ދަށުން ކަމަށެވެ. 

އޭރު މައުލޫމާތު ލިބިފައިވާ ގޮތުގައި ސާމިހު ބަދަލުކުރީ އެހެން ޑިޕާޓްމަންޓަކަށެވެ. އޭނާ ބަދަލުކުރީ ފުލުހުންގެ ތަހުގީގުތަކުގެ މިންގަނޑު ކަނޑައަޅާ ޑިޕަރޓްމެންޓަށެވެ.

މިދިޔަ އަހަރުގެ ހ. ފެންޓޮނޯއީ ގޭގެ 9 ވަނަ ފަންގި ފިލާއިން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓީ ބޮޑެތި ޒަހަމްތަކާއެކު އެޮއްވާ ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ތަހުގީގާއި ގުޅިގެން އާއިލާއަށް ދޮގު މައުލޫމާތު ތަކުރާރުކޮށް ދީފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

އެ މައްސަލަ އިސްކޮށް ބަލަމުން ދިޔައީ ސާމިހު އެވެ. ނަމަވެސް، އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އޭނާ އެ މަގާމުން ވަކިކުރުމަށް ޔުމްނުގެ އާއިލާ އިން ވެސް ގޮވާލި އެވެ. 

ޔުމްނުގެ އާއިލާއިން ބުނީ ނިޒާމުގެ ތެރޭގައި ހުންނަވައިގެން ނިޒާމަށް ބަދަލެއް ގެނައުމަކީ އުނދަގޫކަމެއް ކަމަށެވެ. ނަމަވެސް ބައްދަލުވުންތަކުގައި ތަކުރާރުކޮށް އާއިލާއަށް ދޮގު މައުލޫމާތު ދިން ފުލުސް އޮފިސަރު ސާމިހު ވަކިކޮށްގެން ބަދަލު ގެނެވިދާނެ ކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ އިސްރާފުވާގޮތަށް ކޮމިޝަނެއް ހެދުމުގެ ކުރިން ވެސް ކުރަންވީ ކަމަކީ ސާމިހު ވަކިކުރުން ކަމަށެވެ. އަދި މިއީ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް ބުނެފައިވެ އެވެ.