ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހޯމަ ދުވަހު ހުޅުވައިލައިފި އެވެ.

މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް އިން ފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ޗީފް ސްޓެޓިސްޓީޝަން އަކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގުމުގެ އެންމެ އިސް ފަރާތެވެ.  ޗީފް ސްޓެޓިސްޓީޝަން ޢައްޔަންކުރަނީ، ރައީސުލްޖުމްހޫރިއްޔާ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަކީ ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުޞޫލުތައް ކަނޑައެޅުމަށް އުފައްދާފައިވާ އޮފީހެވެ.