ގަތަރުގެ އަމީރު، ޝެއިޚް ތަމީމް ބިން ހަމަދު އައްޘާނީގެ ބައްޕާފުޅު، އަމީރު ޝެއިޚް ހަމަދު ބިން ޚަލީފާ އައްޘާނީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ގަތަރުގެ އަމީރުގެ އަރިހަށް މިއަދު ހަވީރު ޒިޔާރަތް ކުރައްވައިފި އެވެ.

ލުސައިލް ޕެލަސްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސް މުއިއްޒު ވަނީ މަރުޙޫމް އަމީރުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވައި، އަމީރު ތަމީމް ބިން ހަމަދު އައްޘާނީއަށާއި ގަތަރުގެ ޝާހީ އާއިލާއަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ގަތަރުގެ ނައިބު އަމީރު، ޝެއިޚް ޢަބްދުﷲ ބިން ހަމަދު އައްޘާނީއާއި، އަމީރުގެ ޕާސަނަލް ރެޕްރެޒެންޓޭޓިވް ޝެއިޚް ޖާސިމް ބިން ހަމަދު އައްޘާނީ ބައިވެރިވެވަޑައިގެންނެވި އެވެ. މީގެއިތުރުން ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އައްޘާނީއާއި، އަވަހާރަވި އަމީރުގެ ބޭފުޅުންނާއި، ގަތަރުގެ ޝާހީ އާއިލާގެ އިސް ބޭފުޅުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އަމީރީ ދީވާން  އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.