އަދަދު
ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ
އިސްތިއުނާފު ހައިކޯޓުން ބޭރު ކޮށްލުމަށް ރަޖިސްޓްރާ ނިންމި ނިންމުން ގޯސްކަމަށް
އެ ކޯޓުން ކަނޑައަޅައިފި އެވެ.
މި
އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރީ ނޫސްވެރިންގެ ޖަމިއްޔާ (މޯލްޑިވްސް ޖަރނަލިސްޓް
އެސޯސިއޭޝަން) އިންނެވެ. ނަމަވެސް ރަޖިސްޓްރާ ވަނީ މި މައްސަލަ ބޭރުކޮށްލާފަ އެވެ.
ހައިކޯޓުގެ
ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާ ސޮއި ކުރައްވައި ފޮނުވި ނިންމުމުގައި ބުނެފައިވަނީ،
ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް
ނޫންކަމަށްވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެގޮތުން މި
މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަދަދު އޮންލައިން ނޫހުގެ
އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރ ހަސަން މުހައްމަދުގެ
މައްޗަށްކަން ފާހަގަކޮށް ނިންމުމުގައި ބުނެފައިވަނީ، އިސްތިއުނާފުގެ ޙައްޤު
ލިބިގެންވަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށްކަމަށް ޖިނާއީ އިޖުރާއަތުގެ
ޤާނޫނުގެ 198 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ހައިކޯޓުން
މި މައްސަލަ ބޭރުކޮށްލާފައިވާތީ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި
ނޫސްވެރިންގެ ޖަމިއްޔާއިން އަލުން ހުށަހެޅީއެވެ.
ނޫސްވެރިންގެ
ޖަމިއްޔާއިން ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ، މި އަމުރަކީ އެންމެންގެ
މައްޗަށް ނިސްބަތްވާ އަމުރެއް ކަމަށާއި، މި އަމުރާ ޚިލާފުވިކަމަށް ބުނެ
ޖަލަށްލާފައިވަނީވެސް މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކެއް ނޫން
ކަމަށެވެ. އަދި އެކަމުންވެސް ދޭހަވަނީ އަމުރު އެހެން މީހުންގެ މައްޗަށް ހިނގާކަން
ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެ
އިތުރުން، އެމްޖޭއޭއަކީ ނޫސްވެރިންގެ ޙައްޤުގައި މަސައްކަތް ކުރާ ޖަމިއްޔާއެއްކަން
އެ އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބެލުމުންވެސް އެނގޭކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެ
އިތުރުން، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއަށް ބަލާއިރު، މައްސަލައަކާ ގުޅުންހުރި
ކޮންމެ ފަރާތަކަށްވެސް ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިގެންވާކަން
އެނގޭކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެމްޖޭއޭއިން އެދުނީ ރަޖިސްޓްރާގެ
ނިންމުން ބާތިލުކޮށްދީ މި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގަތުމަށެވެ.
ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ
ރަޖިސްޓްރާގެ ނިންމުން ގޯސްކަމަށް ކަނޑައަޅުއްވާފަ އެވެ. އަދި ރަޖިސްޓްރާގެ
ނިންމުން ބިނާކޮށްފައި ހުރީ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ނޫންކަން ފަނޑިޔާރުން
ވަނީ ފާހަގަ ކުރައްވާފަ އެވެ.