މައުލޫމާތު
ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި ރައީސް އޮފީސް ޖޫރިމަނާކޮށްފި އެވެ.
ރާއްޖެޓީވީން
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް
ރައްދުވާ ގޮތަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް އޭގެ
ޖަވާބުތައް ރައީސް އޮފީހުން ފޮނުވާފައި ވަނީ ވެސް އައިކޮމް އަށް ހުށަހެޅޭ
މައްސަލަތަކުގައި ޖަވާބު ފޮނުވަން ޖެހޭ މުއްދަތުގެ ފަހުންނެވެ.
އޭގެ
ތެރެއިން އެއް މައްސަލައަކީ ރައީސްގެ ދަތުރުފުޅުތަކާ ގުޅޭގޮތުން ރާއްޖެޓީވީން 28
އޮކްޓޯބަރު 2025 ގައި ހުށަހެޅި އާރްޓީއައިއާ ގުޅޭ މައްސަލައެވެ. އެ އާރްޓީއައިއަށް
ރައީސް އޮފީހުން ޖަވާބު ދީފައިވަނީ 8 ޖުލައި 2026 ގަ އެވެ.
އެ ޖަވާބާ
ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް
ވިދާޅުވީ، އާރްޓީއައިއަކަށް ޖަވާބު ދިނުން އެހާ ބޮޑަށް ލަސްވެގެން ދިއުމަކީ
ރާއްޖެޓީވީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން 10 ދުވަހުގެ ތެރޭގައި ޖަވާބު
ދިނުމަށް މި އަހަރުގެ އޭޕްރީލް މަހު އައިކޮމްގައި ބޭއްވި އަޑުއެހުމުގައިވެސް ރައީސް
އޮފީހަށް އައިކޮމްއިން އަންގާފައިވާއިރު، އެ އެންގުމަށް އައިކޮމްއިން ގޮން ޖަހަފާއިވާތީ
އެކަމުގެ ކަންބޮޑުވުން ރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯ ނާޒްމީ ސައީދުވެސް ހިއްސާ
ކުރެއްވި އެވެ.
މީގެ
އިތުރުން، 12 ނޮވެމްބަރު 2025 ގައި ރާއްޖެޓީވީން ހުށަހަޅާފައިވާ އާރްޓީއައިއާ
ގުޅޭގޮތުންވެސް މި އަޑުއެހުމުގައި ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން އެ
މައްސަލައަކީ މެދުފަންތިއާއި ދަށު ފަންތީގެ މީހުން ކޮރަޕްޝަން ހިންގާކަމަށް ރައީސް
ޑރ މުޙައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައިވާތީ އެކަމާ
ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި
މައްސަލައެކެވެ.
މި
އާރްޓީއައިއަށް ރައީސް އޮފީހުން ޖަވާބު ދިނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.
ނަމަވެސް އެ ޖަވާބު ފުރިހަމަނުވާތީ އޭޕްރީލް މަހު ބޭއްވި އަޑުއެހުމުގައި އައިކޮމްއިން
ވަނީ ޖަވާބު އިސްލާޙުކޮށް، އަލުން ޖަވާބު ދިނުމަށް ރައީސް އޮފީހަށް 10 ދުވަހުގެ
މުއްދަތެއް ދީފަ އެވެ. އެއީ 26 އޭޕްރީލް 2026 ގަ އެވެ.
އެހެންނަމަވެސް
އެ މުއްދަތުގެ ތެރޭގައި އައިކޮމްގެ އެންގުމާ އެއްގޮތަށް ރައީސް އޮފީހުން އަމަލުކޮށްފައި
ނުވާތީ އައިކޮމްގެ ރައީސް އާހިދު ރަޝީދު ރައީސް އޮފީހާ ސުވާލު ކުރެއްވި އެވެ.
އެ
ސުވާލުގެ ޖަވާބުގައި ރައީސް އޮފީހުން ބުނީ، އެ ހުށަހެޅުމުގައިވާ ކަންކަން ހޯދުމަށް
މަސައްކަތް ކުރަމުންދާ ކަމަށާއި، އައިކޮމްގެ އަޑުއެހުމުގައި ނިންމާ ނިންމުންތައް
ލިޔުމުން ނުލިބޭތީ ލަސްތަކެއް އަންނަ ކަމަށެވެ. ނަމަވެސް އޭރު ބޭއްވި ބައްދަލުވުމުގައި
ރައީސް އޮފީހުން އެކަން ފާހަގަކޮށްފައިނުވާތީ އާހިދު ވަނީ އެ ކަންބޮޑުވުން ހިއްސާ
ކުރައްވާފަ އެވެ.
ވަކިން
ޚާއްސަކޮށް އެންމެ ފަހުން ބޭއްވި އަޑުއެހުން ބޭއްވިތާ 2 މަސް ފަހުން ރައީސް
އޮފީހުން އައިސް، ލިއުމުން ނިންމުމެއް ނުލިބޭކަމަށް ބުނުމުން އެ ކަންބޮޑުވުން
އާހިދު ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، އަޑުއެހުންތަކުގައި ދެކެވޭ ވާހަކަތައް
އާންމު އުސޫލުންވެސް ލިއުމުން ދީފައިނުވާނެކަމަށެވެ. އަދި ލިއުމެއް ކޮންމެހެން ބޭނުންވާނަމަ
މި ހޭދަވި މުއްދަތުގައި އެ ލިއުން ހޯދަން މަސައްކަތް ކޮށްފައިނުވަނީ ކީއްވެތޯވެސް އާހިދު
ސުވާލު ކުރެއްވި އެވެ.
އާހިދު ވަނީ ރައީސް އޮފީހުން އަމަލުކޮށްފައިވާ ގޮތާއިމެދު
ނުރުހުން ފާޅު ކުރައްވާފަ އެވެ.
ޗާގޯސް މައްސަލައިގައި ރާއްޖެޓީވީން
ހުށަހެޅި އާރްޓީއައިއަށް ޖަވާބު ދިނުމަށްވެސް 10 ދުވަހުގެ މުހުލަތެއް
ދީފައިވާއިރު، އެ އެންގުމަށްވެސް ރައީސް އޮފީހުން އަމަލުކޮށްފައިނުވެ އެވެ. އެ
އާރްޓީއައިގައި އެދިފައި އޮތީ ޗާގޯސްއާ ގުޅޭގޮތުން ރައީސް މަޝްވަރާއެއް ކުރައްވާފައިވޭތޯ
ނުވަތަ ނޫންތޯ އެވެ.
މީގެ އިތުރުން
ރާއްޖެޓީވީންވެސް ވަނީ ރައީސް އޮފީހުން ކަނޑައެޅިގެން އައިކޮމްގެ ނިންމުންތަކަށް
ގޮންޖަހަމުންދާކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އައިކޮމްއިން ވަނީ ޖަވާބު ނުދީ ހުރި ހުރިހާ އާރްޓީއައިއަކަށް 7 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް ރައީސް އޮފީހަށް އަންގާފަ އެވެ. އަދި ޖަވާބު ނުދޭނަމަ، ދައުވާ ކުރާނެކަމުގެ އިންޒާރު ދެއްވި އެވެ.
މީގެ އިތުރުން، ރައީސް އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައިނުވާތީއާއި، އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ތަކުރާރުކޮށް ހުރަސް އަޅާފައިވާތީ، ރައީސް އޮފީސް 2000 ރުފިޔާއިން ޖޫރިމަނާވެސް ކުރެއްވި އެވެ.