ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއު ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ. 

ކަރެކްޝަންސް އިން ބުނީ މިކަމަށް ގޮތެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ޚާއްސަ ބައްދަލުވުންތަކެއް 11 ޖުލައި 2026 ގައި މާފުށި ޖަލުގައި ބާއްވާފައިވާ ކަމަށެވެ. އަދި މި ދަތުރުގެ ތެރެއިން، ޕެރޯލް ބޯޑުގެ މެންބަރުން ވަނީ މާފުށި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ކޯސްތައް ކުރިއަށްދާ ވޮކޭޝަނަލް ސައިޓަށް ޒިޔާރަތްކޮށް، އެ ތަނުގެ މަސައްކަތްތައް ހިނގާގޮތް ބައްލަވާލައްވާފައިވާ ކަމަށެވެ. 

މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ގައިދީން ހުށަހެޅި ނަމަވެސް މިނިވަންވީ 27 މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން  މި އަހަރުގެ މާޗު މަހުގަ ހާމަކުރި އެވެ.  

ކަރެކްޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޕެރޯލަށް އެދި ޖުމްލަ 241 ފޯމު ހުށަހަޅާފައިވެ އެވެ.

އެގޮތުން 189 ފޯމެއް ޝަރުތު ފުރިހަމަވެފައިވާއިރު، 43 ފޯމު ޝަރުތު ފުރިހަމަވެފައިނުވެ އެވެ. 8 ފޯމްގެ މައުލޫމާތު ފުރިހަމަ ނުވާ ކަމަށާއި، އެއް ފޯމް ލީގަލް އެޑްވައިސް ހޯދުމަށް ފޮނުވާފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

ކަރެކްޝަނުން ބުނީ، ޝަރުތު ހަމަވި ހުށަހެޅުމުގެ ތެރެއިން 42 ފޯމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި،  32 މައްސަލައެއްގެ މަސައްކަތް މުޅިން ނިންމާފައިވާ ކަމަށެވެ. އަދި 86 މައްސަލައެއް ގޮތް ނިންމުމަށް ބޯޑަށް ހުށަހަޅާފައިވާ ކަަމަށެވެ. އަދި ޕެރޯލް ބޯޑުން 42 މީހަކަށް ޕެރޯލް ދިނުމަށް ނިންމާފައިވާއިރު، 44 މީހެއްގެ ހުށަހެޅުން ބާތިލްކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ. 

މީގެ އިތުރުން ކަރެކްޝަނުން ބުނީ، 22 މީހަކު އެއްވެސް އުސޫލަކާ ހިލާފުނުވެ ޕެރޯލްގެ މުއްދަތު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި ޕެރޯލްގެ ފުރުސަތު ލިބުނު 25 މީހަކު އެ ފުރުސަތުގެ ބޭނުން ހިފަން އިއުތިރާޒުކޮށްފައިވެ އެވެ. 

ކަރެކްޝަނުން ދަނީ ގައިދީން އަނބުރާ މުޖުތަމައަށް ނެރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެމީހުންނަށް އެކިއެކި މަސައްކަތްތައް ދަސްކޮށްދިނުމާއި، ކޯސްތައް ކުރިއަށް ގެންދިއުން ހިމެނެ އެވެ. ނަމަވެސް އިޖުތިމާއީ ގޮތުންނާއި އާއިލީ ގޮތުން ދިމާވާ ގޮންޖެހުންތަކާއެކު ބައެއް ދަތިތައް ކުރިމަތިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.