ކައުންސިލަރުންނަކީ މަސައްކަތެއް ނުކުރާ ބައެއްގެ ގޮތުގައި ޕީއެންސީގެ ރައްޔިތުން މަޖިލިސް މެންބަރުން ސިފަ ކުރައްވަނީ ހަގީގަތް ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ ކަމަށް މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު ވިދާޅުވެއްޖެ އެވެ.
ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ޖަމާލު ވަނީ ޕީއެންސީގެ ރައްޔިތުން މަޖިލިސް މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މިދައުރުގެ ތެރޭގައި ރައްޔިތުންނާ ގުޅުންހުރި އަދި ރައްޔިތުންނަށް ފައިދާވާ ގޮތަށް އެ މެންބަރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
އަބަދުވެސް މަޖިލީހަށް ބިލެއް ހުށަހަޅައި އެއްދުވަހު އެއްޗެއްގެ އަގު ބޮޑު ކުރާނެ ކަމަށާއި، އަނެއް ދުވަހު އެ އެއްޗެއްގެ އަގު ހެޔޮ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރާ އެއްވެސް މަސައްކަތެއް އިހުލާސްތެރިކަމެއް ނެތް ކަމަށާއި، ރައްޔިތުން އިތުބާރު އެބޭފުޅުންގެ މައްޗަށް ގެއްލިފައިވާ ކަމަށެވެ.
ނަތީޖާއެއް ގޮތުން ކައުންސިލަރުންނަކީ ވެސް މަސައްކަތް ނުކުރާ ބައެއްގެ ގޮތުގައި ދެއްކުމަށް ޕީއެންސީގެ މަޖިލިސް މެންބަރުން މަސައްކަތް ކުރައްވާ ކަމަށް ޖަމާލު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމާ ގުޅޭގޮތުން ބަހުސް ކުރެއްވި ޖަލްސާގައި ވެސް ކައުންސިލްތަކަކީ ބޭކާރުތަނެއް ކަމާއި، ކައުންސިލަރުންނަކީ މަސައްކަަތް ނުކުރާ ބައެއް ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ކައުންސިލްތަކަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ އިދާރާތަކެއް ކަމަށާއި، ހުރިހާ ވުޒާރާތަކެއްގެ މަސައްކަތް އެއްފުރާޅެއްގެ ދަށުން ކުރާ ހަމައެކަނި އިދާރާއަކީ ކައުންސިލްތައް ކަމަށް ޖަމާލު ވިދާޅުވި އެވެ.
އަޅުގަނޑު ހަމަ އެބޭފުޅުންނަށް ރައްދު ދޭން ބޭނުންވޭ ހަމަ އެބޭފުޅުން ހަމަ ހަފްތާއެއް ވަންދެން މިކައުންސިލްތަކުގައި މަޑު ކޮށްލަދެއްވާށޭ ކައުންސިލްތަކުން މިކުރާ މަސައްކަތްތައް ބަލާލަން. މާލޭގެ މިނިސްޓްރީއަކުން މިކުރަނީ ހޯމް މިނިސްޓްރީން މިކުރަނީ ހަމައެކަނި ހޯމް މިނިސްޓްރީގެ މަސައްކަތް. އެންވަޔަރަންމަންޓް މިނިސްޓްރީން މިކުރަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ މަސައްކަތް. އެހެންނަމަވެސް ރާއްޖޭގެ ރަށު ކައުންސިލްތަކަކީ ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ މަސައްކަތް އެއްފުރާޅެއްގެ ދަށުން ކުރާ ތަނެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފާހަގަވީ.މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު
ޖަމާލު ވިދާޅުވީ ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެއީ ވެސް ރައްޔިތުންގެ މަންދޫބުންނަށްވާއިރު، ރައްޔިތުންނާ ގުޅުންހުރި ރައްޔިތުންނަށް ފައިދާވާ މަސައްކަތްތައް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.