ރައީސް
ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ ދިވެހި ދައުލަތުގެ ފައިސާ އަމާނާތްތެރި ކަމާ އެކު ޚަރަދުކުރާނެ ކަމުގެ ވައުދާއެކުގައެވެ. އިޤްތިސާދު މެނޭޖްކޮށް، ދެފުއް ފެންނަ ގޮތެއްގައި
ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާނެކަމުގެ ޔަޤީންކަމާއެކުގަ އެވެ. ނަމަވެސް މިއަދު
ކޮންމެ މައްސަލައަކަށް މި ސަރުކާރުން ދައްކަމުންގެންދާ ޙައްލަކީ އައު އޮފީހެއް އުފެއްދުމާއި،
އައު މަޤާމުތަކެއް އުފެއްދުމެވެ.

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް
މޮބިލިޓީ އޮފީސް" އުފެއްދުމަކީ ވެސް މި ދެންނެވި ބީދައިން ހިނގާފައިވާ ކަމެކެވެ.
މިއީ މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ސަރުކާރުން ދިން ހައްލެވެ.

މަގުމަތީގެ
ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރުމަށް މިހާރުވެސް ދިވެހި ފުލުހުންގެ
ފައުޖުގައި އެތައް މުވައްޒަފުންނެއް އެބަތިއްބެވެ. ނުވިތާކަށް މާލޭ ސިޓީ
ކައުންސިލުގައިވެސް މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް އެތައް މުވައްޒަފުންނެއް
ޙަރަކާތްތެރިވެ އެވެ.

މީގެ އިތުރުން،
ބޮޑުސިންގާހާ ޓްރާންސްޕޯޓް މިނިސްޓްރީއެއް މިހާރުވެސް އެބައޮތެވެ. މިނިސްޓްރީގެ
މެންޑޭޓު ސާފުކޮށް ލިޔެ، އެކަމަށްޓަކައި ޑިޕާޓްމަންޓުތައް ހެދިފައި އެބައޮތެވެ.
ވީއިރު މިނިސްޓްރީގައި އިތުރު އޮފީހެއް އުފައްދައި، ކުއްލިގޮތަކަށް މި ގެނައި
ބަދަލުގެ ފަހަތުގައި ފޮރުވިފައި އޮތީ ކޮން ކަމެއްތޯ އެވެ؟

އެހެނީ
މި ދެންނެވި އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ބާރު ނެތިގެން ދިޔައީކީ ނޫނެވެ. ޓްރެފިކް
ބަލަހައްޓަން މި ރާއްޖޭގައި ފުލުހުން މަދެއް ނޫނެވެ. ވީއިރު، ރައްޔިތުންގެ ފައިސާއިން
ހަރަދުކުރާ މި މުއައްސަސާތަކުން ނަތީޖާ ނެރުމަށް ބާރުއެޅުމުގެ ބަދަލުގައި، ދައުލަތުގެ
ވަސީލަތްތައް ބޭނުންކުރުމަށް އިތުރު އިދާރާއެއް އިތުރުކުރަން މި ނިންމީ ކޮން
ހަމައަކުން ބަލާފައިބާ އެވެ؟

މި އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި އެ ޕުރޮގުރާމުތައް ތަންފީޒުކުރުމާއި، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދުމަށް ޓަކައި އެކުވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެ ން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން ހިމެނެ އެވެ.

އެހެންނަމަވެސް، މިއިން ކޮންމެ ކަމަކަށް ޚާއްސަ ޑިޕާޓްމަންޓުތައް މިހާރުވެސް ދައުލަތުގެ އިދާރާތަކުގައި ޤާއިމުވެފައި ހުރިކަން ފާހަގަ ކުރަންޖެހެ އެވެ. އެއީ ހައްތަހާވެސް ހިނގަހިނގާ ހުރި އިދާރާތަކެވެ. 

ކޮންމެ އާ
އޮފީހަކާއެކު ޑިރެކްޓަރުންނާއި، މުވައްޒަފުންނާއި، އުޅަނދުފަހަރާއި، ސާމާނާއި، އޮފީސް
ހިންގާނެ އިމާރާތުގެ އިތުރުން ހިންގުމުގެ ދާއިމީ ޚަރަދުތައް އުފެދިގެންދެ އެވެ. މިއީ
ހައްތަހާވެސް ރައްޔިތުންގެ ޖީބުން ދާއިމީގޮތެއްގައި ކުރަންޖެހޭނެ ހޭދަތަކެކެވެ.

ދައުލަތުގެ
މާލީ ހާލަތު ދަތިވެ، ޚަރަދު ކުޑަކުރަންޖެހޭ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދާ
ދަނޑިވަޅެއްގައި، އާ އެޖެންސީއެއް އުފެއްދުމުން ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާ
މިންވަރު ހާމަވެ އެވެ. ނޫނީ މިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިޔާސީ ސަބަބެއް
އޮތީތޯ އެވެ؟

ވެރިކަންކުރާ
ޕާޓީއަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ގެއްލުނުތާ ދުވަސްކޮޅެއްގެ ތެރޭގައި ސިޓީ
ކައުންސިލުގެ މެންޑޭޓުވެސް ހިމެނޭ ކަންކަން ޙަވާލުކޮށް މުޅިން އައު އޮފީހެއް ރައީސުލްޖުމްހޫރިއްޔާ
އުފެއްދެވުމުން، މިހެން ނުވިސްނޭންވީ ސަބަބެއްވެސް ނެތެވެ. ސަބަބަކީ މާލޭ
ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި
އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ
މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުންވެސް މި އައު އޮފީހުގެ
މެންޑޭޓުގައި ހިމެނިފައިވާތީ އެވެ. މި މަސައްކަތްތައް ތަންފީޒުކުރުމުގައި ވަކި ސިޓީ
ކައުންސިލުގެ ދައުރުވެސް ކުޑައެއް ނުވާނެ އެވެ.

އެހެންކަމުން
ބޮޑަށް ބުރަވެވެނީ މިއީ އިންތިޚާބުކޮށްފައިވާ މުއައްސަސާއެއްގެ ސިޔާސީ ކޮންޓްރޯލް ސަރުކާރަށް
ގެއްލުމުން އުފެއްދި އޮފީހެއްގެ ގޮތުގައެވެ. ސަބަބަކީ މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް
އަވަސް ހައްލެއް ބޭނުންވި ނަމަ، ސިޓީ ކައުންސިލާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށާއި،
ޓްރެފިކް ޕޮލިހަށް އިތުރު ވަސީލަތްތައް ދިނުމަށާއި، މިހާރުވެސް ހުރި މުއައްސަސާތަކުގެ
ތަންފީޒީ ބާރު ގަދަކުރުމަށް ސަރުކާރަށް އެއްވެސް ހުރަހެއް ނެތެވެ. މިއިން އެއްވެސް
ކަމަކަށް އިދާރީ އޮނިގަނޑު ބޮޑުކުރާކަށް ނުޖެހެ އެވެ.

އޭގެ ބަދަލުގައި،
ސަރުކާރުން މި އިޚްތިޔާރުކުރި ހައްލަކީ މަރުކަޒީ ސަރުކާރުގެ ނުފޫޒު ފުޅާކޮށް، ލާމަރުކަޒީ
ނިޒާމުގެ ތެރެއިން އުފެދިފައިވާ ލޯކަލް ގަވަރމަންޓްގެ ދައުރު ހަނިކުރުމެވެ.