ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް
ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ހުޅުމާލޭގައި ބެހެއްޓި
ވޯޓު ފޮށި ކައިރީގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް
ގެއްލުންދިން މައްސަލައިގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފި އެވެ.
ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި
ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި ކާމިލުދީދީ
ސްކޫލުގަ އެވެ.
މި މައްސަލައިގައި މީގެ ކުރިން ދެމީހަކު
ހައްޔަރުކޮށްފައިވެއެވެ. އެގޮތުން ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ
ދިވެހި ދެ ފިރިހެނުންނެވެ.
މައްސަލައިގެ އަދާހަމަ ހިއްސާ ކުރައްވަމުން ފުލުހުންގެ
މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލައިގެ ތުހުމަތުގައި، 2026 ޖުލައި 12 ވަނަ ދުވަހުގެ
ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު
ކުރަމުންނެވެ.
މި ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެތަނުގައި ތިބި ޕީއެންސީގެ ބައެއް މެމްބަރުން އެކަކު އަނެކަކަށް ހަމަލާދީ ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ފެނެ އެވެ. މީގެ އިތުރުން އެ މަރުކަޒުގައި ހުރި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަންވެސް ފާހަގަކުރެވެ އެވެ. އެގޮތުން އެތަނުގައި ހުރި ގޮނޑިތަކާއި އެހެނިހެން ތަކެތި އުކައި، މުދަލަށް ގެއްލުންދޭ މަންޒަރު ވީޑިއޯތަކުން ސާފުކޮށް ފެންނަން ހުއްޓެވެ.
މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، މަސްލަޙަތު ގޯސްކުރުމަށް އެތަނުގައި އެއްވެ ތިބި މީހުން މަސައްކަތްކުރާ މަންޒަރުވެސް ވީޑިއޯއިން ފެންނައިރު، މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.