ލ ހިތަދޫ ކޯޒްވޭގެ މަސައްކަތް ލަސްވަނީ މިދިޔަ
ސަރުކާރުން ގިނަ މަޝްރޫއުތަކެއް ޙަވާލުކޮށްފައި ހުރުމުންކަމަށް މިނިސްޓަރ އޮފް
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއަށް މިނިސްޓަރު
ވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މާވަށު ދާއިރާގެ މެމްބަރު
އަހުމަދު ޝާކިރު ކުރައްވާފައިވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. އެގޮތުން މެމްބަރު
ސުވާލު ކުރައްވާފައިވަނީ ލ ހިތަދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައި ނިންމޭނެ ތާރީޚަކީ
ކޮބައިތޯ އެވެ.

އެ ސުވާލު ކުރިތާ 306 ދުވަސް ފަހުން މަޖިލީހަށް
ވަޑައިގެން ދެއްކެވި ވާހަކައިގައި މިނިސްޓަރ ވިދާޅުވީ، އެ މަޝްރޫއަކީ 22 ޖެނުއަރީ
2023 ގައި ސޮއިކުރެވި، 2 ސެޕްޓެމްބަރު 2023 ގައި އެމްޓީސީސީން މޮބިލައިޒް
ކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އޭރުގައި ކުރެވިފައިވަނީ ސާރވޭ
ކުރުމާ ގުޅޭ ބައެއް މަސައްކަތްތައް ކަމަށާއި، މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް
ފެށިފައިވަނީ މި ހިނގަމުންދާ ސަރުކާރުގައި ކަމަށެވެ. އެގޮތުން ސާރވޭ ނިންމައި، ޑިޒައިނިންގ
އާ ގުޅޭ މަސައްކަތްތައް ނިންމުމަށްފަހު މިހާރު މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް
ފެށިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ
އަމަލީ މަސައްކަތް ފަށާފައިވަނީ 20 އޮކްޓޯބަރު 2025 ގައެވެ.

  އޭރުގައި މަސައްކަތް ފަށާފައިވަނީ ސާރވޭއާއި ބޯހޯލް އިންވެސްޓިގޭޓު ކުރުމުގެ މަސައްކަތް، ނަމަވެސް އެ މަސައްކަތްވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގޮސް، ހަގީގަތުގައި އަމަލީ މަސައްކަތް ފެށިފައިވަނީ މި ސަރުކާރުގައި،
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު 

އެހެންނަމަވެސް، ބޭނުންވާ ސްޕީޑުގައި
މަސައްކަތް ކުރިއަށް ނުދާކަން މިނިސްޓަރުވެސް ޤަބޫލު ކުރެއްވި އެވެ. ނަމަވެސް ބޭނުންވާ
ސްޕީޑުގައި މަޝްރޫއު ކުރިއަށް ނުގެންދެވޭ ވަކި ސަބަބެއް މިނިސްޓަރަށް ވިދާޅުވެދެއްވިފައެއް
ނުވެއެވެ.

މިނިސްޓަރ ވަނީ 2028 ވަނަ އަހަރުގެ މެދުތެރެއަށްދާއިރު،
މަސައްކަތް ނިންމައި ރައްޔިތުންނަށް މި ކޯޒްވޭ ބޭނުން ކުރެވޭނެކަމަށް
ވިދާޅުވެފައެވެ.

އެހެންނަމަވެސް، ސިމެންތި ހުސްވެގެން
އެތަނުގައި "އެލް ބްލޮކް" ތައް ޖެހުމުގެ މަސައްކަތް ހުއްޓިފައިވާކަން
މިނިސްޓަރުގެ ސުވާލާ ގުޅިގެން ދެއްކެވި ވާހަކައިގައި މެމްބަރު ޝާކިރު ފާހަގަ
ކުރެއްވިއެވެ. މެމްބަރު ވަނީ ފައިސާ ނެތީތޯއާއި، މި މަޝްރޫއަށް އެކަށައެޅިފައިވާ
ފައިސާ ހަމަނުޖެހެނީތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަނެއްކާވެސް
ވިދާޅުވީ، ސަރުކާރުން އެދޭހާ ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްނުދާ ކަމަށެވެ.
އަދި ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި 40 ބިލިއަނެއްހާ މަޝްރޫއެއް އެބަހުރިކަމަށް
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން އެ މަޝްރޫއުތަކާއި، މި
ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތަކުގެ އެޖެންޑާ އެކުއެކީގައި ކުރިއަށްދާތީ
ލަސްތަކެއްވެސް ހުންނާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ 500 ދުވަސްތެރޭ ނިންމާގޮތަށް 81 މިލިއަން
ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 390 މީޓަރުގެ
ރިވެޓްމަންޓަކާއި، 157.5 މީޓަރުގެ ދެ ބްރިޖާއި، 714 މީޓަރުގެ ދިގު މަގެއް ހެދުމަށް
ވަނީ ޙަވާލު ކުރެވިފަ އެވެ.