ހޯމަ ދުވަހުގެ ހެނދުނު 09:00ގައި ފަށަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަސްކުރީ،  ސަބަބެއް އެންގުމެއްނެތި އެވެ. 

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބްއާ ކުރައްވާ ދެ ސުވާލެއްގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު މިނިސްޓަރު މުއްތަލިބާ ކުރައްވާ ސުވާލެކެވެ. އަދި ކިންގްޑޮމް އޮފް ބަހްރައިން އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މައްސަަލަ ކޮމިޓީ އަށް ފޮނުވުން ވެސް އެޖެންޑާގައި ވެ އެވެ. 

އޭގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމާއި މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރުގައި ހިފެހެއްޓުމަށް މުވައްޒަފުން މަދު ކުރުމަށް ނިވައިފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ގޮތުން އެތައް ބަޔަކު ވަޒީފާ އިން ވަކިކުރަމުންދާ ކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ އިބްތިދާއީ ބަހުސްގެ އިތުރުން ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުން ކުރިއަށް ގެންދިއުން ހިމެނެ އެވެ. 

އެޖެންޑާގައި އެހެން ދުވަސްތަކާ އަޅާބަލާއިރު ގިނަ މަސައްކަތްތަކެއް ހުރި އިރު 9 ޖެހިއިރު ވެސް ޖަލްސާ ފަށާފަ އެއް ނުވެ އެވެ. އަދި މެންބަރުންނަށް ޖަލްސާ ނުފަށާ ލަސްވާ ސަބަބު ވެސް ހާމަ ކޮށްފައެއް ނުވެ އެވެ. 

އެކަމާ ގުޅިގެން ރާއްޖެއެމްވީ އިން މަޖިލީހުގެ އިދާރާގައި ޖަލްސާ ނުފެށި ލަސްވާތީ ސުވާލު ކުރުމުން 09:30 އަށް ޖަލްސާ ފަސްވީ ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ. އޭގެ ފަހުން އެކަން މެންބަރުންނަށް ވެސް ވަނީ އަންގާފަ އެވެ. 

ހޯމަ ދުވަހުގެ ޖަލްސާ ފަށާފައިވަނީ އެޖެންޑާގައި ތާވާލް ކޮށްފައިވާ ގަޑީގެ 30 މިނެޓު ފަހުން ހެނދުނު 09:30 ގަ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް ފާހަގަ ކުރެވިފައިވަނީ ކުއްލިކުއްލި އަށް ސަބަބު ހާމަކުރުމެއްނެތި ޖަލްސާ ކެންސަލް ކުރާ އަދި ފަސް ކުރާ މަޖިލީހެއްގެ ގޮތުގަ އެވެ.