ގަތަރުގެ ކުރީގެ އަމީރު، އަމީރު ޝައިޚް ހަމަދު ބިން ޚަލީފާ އަވަހާރަވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މި ތައުޒިޔާ ފޮނުއްވާފައިވަނީ މީސްމީޑިއާ މެދުވެރިކުރައްވައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވެފައިވަނީ، ގަތަރުގެ ކުރީގެ އަމީރު އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ. އަދި ޝެއިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަކީ ދުރުވިސްނޭ، ވަރުގަދަ ލީޑަރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

މީގެ އިތުރުން، ގަތަރާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އަމީރު ބެހެއްޓެވި ސާބިތުކަމާއި ދެއްވި އަހަންމިއްޔަތުކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެއްވި އެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ގަތަރުގެ މިހާރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި، އަލްޘާނީ ޢާއިލާއަށް ރައީސް ސޯލިހު ވަނީ އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފަ އެވެ. އަދި ގަތަރުގެ ލޮބުވެތި ރައްޔިތުންނަށް ކުރިމަތިވި މި ބޮޑު ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ގަތަރުގެ ވެރިކަން ކުރެއްވި ޝައިޚް ހަމަދަކީ، ހަކަތައިގެ ގޮތުން މުއްސަނދި އެ ގައުމުން ގެންގުޅުނު އާދަޔާޚިލާފު ތަރައްގީގެ ތަސައްވުރުގެ މައިގަނޑު ބާނީ އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ގަތަރަށް އައި އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ކުރިއެރުންތަކާއެކު، ބައިނަލްއަގުވާމީ މުޖުތަމައުގައި އެ ގައުމުގެ ގަދަރު ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފަ އެވެ.