ނިމިދިޔަ
ސަރުކާރުގައި ހދ. ނައިވާދޫ ބަނދަރު ބޮޑުކުރުމާއި ބޭރުތޮށީގައި ހިލަޖެހުމަށް ފަށާފައިވާ
މަޝްރޫއުގެ މަސައްކަތް މެދުކެނޑި، އެ ސައިޓުގައި ހުރި މެޝިނަރީތައް އެނގުމެއްނެތި ގެންގޮސްފައިވާތީ
އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނައިވާދޫ
ކައުންސިލުން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މަޝްރޫއަކީ ކުރީގެ
ސަރުކާރުން ބަނދަރުގެ ޖާގަ އިތުރުކުރުމަށާއި ބޭރުތޮށީގެ ހިލަޖެހުމުގެ މަސައްކަތް ކުރުމަށް
ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެއް ކަމަށެވެ. ނަމަވެސް މިހާރު މި
މަސައްކަތް އެއްކޮށް މަޑުޖެހިފައިވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

ކައުންސިލުން
އިތުރަށް ބުނި ގޮތުގައި، ބަނދަރުގެ މަސައްކަތް ކުރުމަށް އެ ރަށަށް ގެންގޮސްފައި ހުރި
މެޝިނަރީތައް މިހާރު ވަނީ އެ ރަށުން ބާލައިގެން ގެންގޮސްފައެވެ. މި ތަކެތި ގެންދިޔައިރު
ކައުންސިލަށް އެއްވެސް މިންވަރަކަށް އަންގާފައި ނުވާތީއާއި، އެ ތަކެތި މިހާރު ވީ ތަނެއްވެސް
އެނގެން ނެތުމުން ކައުންސިލުން ވަނީ ސުވާލު އުފައްދާފަ އެވެ.

މި މަޝްރޫއު
ހުއްޓިފައި އޮތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި،
ކައުންސިލުން މިހާރު ދަނީ ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާ މުއާމަލާތް ކުރަމުންނެވެ.
އެގޮތުން މަޝްރޫއު ކުރިއަށް ނުގޮސް މަޑުޖެހިފައިވާ ސަބަބާއި، ކުރިއަށް އޮތްތަނުގައި
މަސައްކަތް ތާވަލުކުރެވިފައިވާ ގޮތުގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ
ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ނައިވާދޫ
ކައުންސިލްގެ އެންމެ ބޮޑު އުއްމީދަކީ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތް އޮތުމަށް
ނިމުމެއް އައިސް، ވީހާވެސް އަވަސް ފުރުސަތެއްގައި މި މަޝްރޫއު އަލުން ފެށިގެން ދިއުމެވެ.
ބަނދަރުގެ ދަތިކަމަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ
ކަމަށްވާތީ، މިކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.