ހދ އަތޮޅު ނައިވާދޫ މެޖިސްޓްރޭޓު ކޯޓު އިމާރާތް އެޅުމަށް
ފަށާފައިވާ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި ހުންނަތާ މިހާރު ދެ އަހަރު ވެފައިވާކަން
އެރަށު ކައުންސިލުން ހާމަކޮށްފި އެވެ.

މި  މަސައްކަތް
ހުއްޓިފައި ހުންނަ ސަބަބެއް ކައުންސިލަކަށް ސާފުނުވާކަމަށް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި
ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މިއީ
2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކޮށްފައި އޮތް މަޝްރޫއެކެވެ. މި ސަރުކާރު
އައިސް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިނަމަވެސް، އަމަލީ މަސައްކަތް ހުއްޓިފައި ހުންނަތާ
މިހާރު މިވަނީ ދެ އަހަރު ވެފަ އެވެ.

މި މަސައްކަތް ހުއްޓިފައި ހުންނަ ސަބަބު ސާފުކުރުމަށް
ކައުންސިލުން ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ސިޓީއަކުން އެދިފައެވެ.
އެގޮތުން މަޝްރޫއުގެ އަދާހަމަ ހޯދުމަށާއި މަޝްރޫއު ކުރިއަށް ނުދާތީ އެކަން ސާފުކުރުމަށް
ކައުންސިލުން އެދިފައިވާއިރު، މިހާތަނަށް އެއްވެސް ޖަވާބެއް ނުލިބޭކަމަށް ކައުންސިލުން
ބުނެފައިވެ އެވެ.

މިހާރު ކޯޓުގެ މަސައްކަތް ކުރިއަށްދަނީ ރަށު ކައުންސިލު
ހުންނަ އިމާރާތުގެ ތެރޭގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އައު ކޯޓު އިމާރާތް
އެޅުމަށް ދިން ތަނުގައި މިހާރު ހުރީ ގަސްތައް ފަޅާ ފުރާލާފައި ކަމަށްވެސް ކައުންސިލުން
ބުނެފައިވެ އެވެ.

ކޯޓު އިމާރާތް އެޅުމުގެ މަސައްކަތް ލަސްވުމަކީ
ރަށު ރައްޔިތުންނަށް ބޮޑު ދަތިތަކެއް ކުރިމަތިވާ ކަމެކެވެ. ކައުންސިލު އިމާރާތުގައި
ކޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން ކައުންސިލުގެ މަސައްކަތަށްވެސް ދަތިތަކެއް
ކުރިމަތިވެ އެވެ.

ކައުންސިލުން މިހާރު އިންތިޒާރު ކުރަނީ ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނަށް ފޮނުވި ސިޓީގެ ޖަވާބަކަށެވެ. މަޝްރޫއު ކުރިއަށް ގެންދިއުމަށް
ރައްޔިތުން ވަރަށް ބޮޑަށް އެދިފައިވާއިރު، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން
އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.