މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އިންތިހާއަށް އުފުލިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ދައުލަތުން ވަނީ ޖުމްލަ 23.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުކުރި 19.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ 21.7 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ޚަރަދުތައް މިހާ ބޮޑަށް އިތުރުވެފައިވާ އެންމެ ބޮޑު ސަބަބަކީ ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އިތުރުވުމެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މުސާރައާއި އުޖޫރައަށް އެކަނިވެސް 3.7 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 13.9 އިންސައްތަ އިތުރު އަދަދެކެވެ. 

މުސާރައާއި ޕެންޝަނަށް ކުރި ޖުމްލަ ޚަރަދު މިހާރު ވަނީ 8.0 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ސަރުކާރުން މުވައްޒަފުންގެ އަދަދު މަދުކޮށް "ރައިޓް ސައިޒް" ކުރާނެ ކަމަށް ބުނަމުންދިޔަ ނަމަވެސް، އަމަލީ ގޮތުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ޚާއްސަކޮށް ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު ކުރީގެ އެއްވެސް ސަރުކާރަކަށް ވުރެ އިތުރުވެފައިވުމަކީ މުސާރައިގެ ޚަރަދު ބޮޑުވާން ދިމާވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

ސަރުކާރުން ފޯރުކޮށްދެމުންދާ އަސާސީ ތަކެއްޗާއި ޚިދުމަތްތަކުގެ އަގު ހިފެހެއްޓުމަށް ދޭ ސަބްސިޑީގެ ޚަރަދުތައްވެސް މިއަހަރުގެ މިހާތަނަށް ވަނީ 1.4 ބިލިއަން ރުފިޔާއިން އުފުލިފަ އެވެ.

ސަރުކާރުން ބުނަމުންދަނީ މިއީ އާންމު ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި ސިވިލް ސާވިސްގެ މުސާރައިގެ އިލްތިޒާމުތައް ހަމަހަމަކުރުމަށް ކުރާ ޚަރަދުތަކެއް ކަމަށެވެ.

ނަމަވެސް، އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، ސިޔާސީ މަގާމުތައް އިތުރުކޮށް އިދާރީ ހިންގުމަށް ކުރާ ހޭދަ ބޮޑުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށް ބުނާއިރު، ތަފާސްހިސާބުތަކުން ފެންނަނީ ޚަރަދުތައް ކޮންޓްރޯލުން ނެއްޓިގެންދާ މަންޒަރެވެ. ޚާއްސަކޮށް މުސާރައިގެ ޚަރަދުތައް މިދިޔަ އަހަރަށްވުރެ ބޮޑުތަނުން އިތުރުވެފައިވުމަކީ ސަރުކާރުގެ "ރައިޓް ސައިޒިންގ" ސިޔާސަތާ މެދު ސުވާލު އުފެދޭ ކަމެކެވެ.