ގައުމަށް މިވަނީ ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް
ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ގޮތް ކަމަށް އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ
އެވެ. 

ރާއްޖެ ޓީވީގެ "ފަލަސުރުޚީ"
ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިކް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ
މެޖޯރިޓީ ދިނީމަ އެންމެ ފުރަތަމަ ވެސް ކުޅުނީ ގާނޫނު އަސާސީއަށް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް
ކުރަމުން ދަނީ ރައްޔިތުންގެ އެންމެ އަސާސީ ހައްގުތައް ހަނިކުރުމަށް ކަމަށް އައިކު
ވިދާޅުވި އެވެ. އެގޮތުން މީޑިއާ ކޮންޓްރޯލް ބިލާއި ގޭންގު ބިލާއި އެނޫންވެސް
ސުވާލު އުފެދޭ ގާނޫނުތަކެއް ފާސް ކޮށްފައިވާ ކަމަށެވެ.

އައިކު ވިދާޅުވީ މިހާރު ދިވެހި ރައްޔިތުން ގަބޫލު
ކުރަނީ ސަރުކާރުތަކުން ގާނޫނު ހަދަނީ ރައްޔިތުން ބަނދެ، ހަންމަތަކުރަން ކަމަށެވެ. އަދި
ގާނޫނު އަސާސީ އާ ހިލާފަށް ހަދާފަ ހުންނަ ގާނުންތަކަކީ ސައްހަ ގާނޫންތަކެއް ކަމަށް
ބަލަން ނުޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ. 

ދިވެހީން މިހާރު ގަބޫލު ކުރަން ވެއްޖެ
ގާނޫނުތަކަކީ އެއްވެސް ހާލެއްގައި އަހަރެމެން ރައްޔިތުންގެ ހައްގުގައި ހަދާ
އެއްޗެއް ނޫންކަން، އަހަރެމެންގެ މަސްލަހަތު ހިމެނޭ އެއްޗެއް ނޫންކަން، މިހާރު
ދިވެހި ރައްޔިތުންނަށް މި ގަބޫލު ކުރެވެނީ ސަރުކާރުތަކުން ގާނޫނުތައް ހަދަނީ
އެމީހުން ބަނދެ، އެމީހުން ހަންމަތަކުރުމަށް ޓަކައި ކަން
އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ

މީގެއިތުރުން އައިކު ވިދާޅުވީ މިހާރަކު ސަރުކާރު
އެއްވެސް ގޮތަކަށް ނުހިންގާ ކަމަށާއި ފުރަތަމަ ދެ އަހަރެއް ހާ ދުވަހު މުސާރަ ދެވުނު
ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރު މުވައްޒަފުންނަށް މުސާރަ ވެސް ނުދެވޭކަން
ފާހަގަކުރައްވައި، އައިކު ވިދާޅުވީ މުސާރަ ދޭކަމަށް ވާނީ އެސްއޯއީތައް ހިމަނައިގެން ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ދޭ ކަމުގައި ވާނަމަ ކަމަށެވެ. އަދި ވެމްކޯގެ
މުވައްޒަފުންނަށް ޕެންޝަން ކޮންޓްރިބިއުޓް ނުދޭތާ އަހަރެއް ވެއްޖެ ކަމަށެވެ.