އިލެކްޓްރޯނިކް ވޯޓިން ނިޒާމު ނުވަތަ އީ-ވޯޓިން
ނިޒާމެއް ބޭއްވުމަށް ފިޒިކަލީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ
ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ދެއްކެވި ވާހަކަފުޅުގައި
ޝަކީލް ވިދާޅުވީ، އީ-ވޯޓިންގެ ނިޒާމާ ގުޅޭގޮތުން އެކި ފަހަރު އެކި ގޮތްގޮތަށް ވާހަކަ
ދެކެވޭ ކަމަށެވެ. މިސާލަކަށް ވޯޓު އޮޅުވާލުން ފަދަ ކަންކަމުގެ ވާހަކަ އެ ނިޒާމާ ގުޅޭގޮތުން
ދެކެވޭ ކަމަށާއި، ރައްޔިތުން ހޭލުންތެރިކުރަންޖެހެނީ އެ ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވި
އެވެ.

އީ-ވޯޓިން ނިޒާމު ތައާރަފްކުރުމަކީ ޤާނޫނުތައް
އިސްލާޙުކޮށްގެންވެސް ކުރެވިދާނެ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވި
އެވެ. ނަމަވެސް ފުރަތަމަ އިސްކަންދޭނީ ރައްޔިތުން ހޭލުންތެރިކުރުވުމަށް ކަމަށާއި، ރައްޔިތުން
ހޭލުންތެރިކުރުވުމަށްފަހު އެ ނިޒާމު ތައާރަފްކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިޒިކަލީ އަޅުގަނޑުމެންނަށް އެކަމުގައި އެއްވެސް ހުރަހެއް ނެތް. އެކަން ކުރެވޭނީ ދިގުދެމިގެންދާ ގޮތަކަށް ރައްޔިތުން ހޭލުންތެރިކުރުވުުމަށް ފަހު، އެ ކަމަށް ތައްޔާރުކަން ރައްޔިތުން ހާމަކުރާ ހިސާބުން
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަކީލް

މި ވާހަކަތައް ފެންމަތިވަނީ އީ-ވޯޓިންގެ ނިޒާމާ
ގުޅޭގޮތުން ސިޔާސީ މައިދާނުގައި ބޮޑެތި ތަފާތު ޚިޔާލުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ
ބިލަކީ އީ-ވޯޓިން ތައާރަފްކޮށް ވޯޓުން ވައްކަން ކުރަން ސިއްރު އެޖެންޑާއެއްގެ ދަށުން
ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން، ޕީއެންސީގެ އިސް މަޤާމެއްގައި ހުންނެވި
ބޭފުޅަކު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް އައްޔަނު ކުރެއްވީވެސް އެފަދަ ކަންކަން
ފަހިކުރުމަށް ކަމަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ އެވެ.

އީ-ވޯޓިން ނިޒާމަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި
ބޭނުންކުރަމުން އަންނަ ނިޒާމެއް ކަމުގައިވިޔަސް، މި ނިޒާމު ތައާރަފްކުރުމުގައި ސިއްރުން
ވޯޓުދިނުމުގެ ޙައްޤު ކަށަވަރުކުރުމާއި، ނިޒާމުގެ ސައްޙަކަމާއި، ސައިބަރ ސަލާމަތާއި،
ރައްޔިތުންގެ އިތުބާރު ހޯދުން ފަދަ ކަންކަން ވަރަށް މުހިންމު ކަމަށް ގިނަ ބަޔަކު
ފާހަގަ ކުރެ އެވެ.