ވެރިކަން ކުރާ މައި ޕާޓީ،
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ހުޅުމާލޭގައި
ބެހެއްޓި ވޯޓު ފޮށި ކައިރީގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދިން
މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފި އެވެ.
ހޮނިހިރު
ދުވަހު ބޭއްވި މި އިންތިޚާބުގައި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ އުތުރު
ދާއިރާގެ ވޯޓުފޮށި ބެހެއްޓި ކާމިލު ދީދީ ސްކޫލުގަ އެވެ.
މި
ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު
އާންމުވެފައިވާއިރު، އެތަނުގައި ތިބި ޕީއެންސީގެ ބައެއް މެމްބަރުން އެކަކު
އަނެކަކަށް ހަމަލާދީ ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ފެނެ އެވެ.
މީގެ
އިތުރުން އެ މަރުކަޒުގައި ހުރި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް
ދީފައިވާކަންވެސް ފާހަގަކުރެވެ އެވެ. އެގޮތުން އެތަނުގައި ހުރި ގޮނޑިތަކާއި
އެހެނިހެން ތަކެތި އުކައި، މުދަލަށް ގެއްލުންދޭ މަންޒަރު ވީޑިއޯތަކުން ސާފުކޮށް
ފެންނަން ހުއްޓެވެ.
މި
ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ
އަމުރަށް ނުކިޔަމަންތެރިވެ، މަސްލަޙަތު ގޯސްކުރުމަށް އެތަނުގައި އެއްވެ ތިބި
މީހުން މަސައްކަތްކުރާ މަންޒަރުވެސް ވީޑިއޯއިން ފެންނައިރު، މި ހާދިސާއާ ގުޅިގެން
ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
މި
މައްސަލައިގައި ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ
އެތެރޭގެ އިންތިޚާބެއްގެ ވޯޓް ގުނުން ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލެއްގައި ކުރިއަށް
ދަނިކޮށް، 2026 ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:15 އެހައިކަންހާއިރު އެތަނަށް ބަޔަކު
ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ
ހިންގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މައްސަލައިގައި
ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުން ދިނުމާއި، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ
ހިންގުމުގެ ސީރިއަސް ތުހުމަތުތައް ކުރެވިފައިވާއިރު، މި މައްސަލައިގައި ފުލުހުން މިހާރު
މި ވަނީ ތަހުގީގު ފަށާފަ އެވެ.
މި އިންތިޚާބުގެ
ވޯޓުލުން ނިމުނު ގަޑީ ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަޙީމް އަބްދުﷲ ވަނީ ޕީއެންސީއަކީ
އަބަދުވެސް ސުލްޙައާއި މަސްލަޙަތަށް އިސްކަންދޭ ޕާޓީއެއްކަމަށް ވިދާޅުވެފައެވެ. އަދި
އިދިކޮޅު އެމްޑީޕީން ބާއްވާ އިންތިޚާބުތަކުގައި ހަމަނުޖެހުން އުފައްދާކަމަށް ވިދާޅުވެ
ވަރަށް ބޮޑަށް މަލާމަތް ކުރައްވާފައިވެ އެވެ.
ނަމަވެސް
މިހާރު ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި މިފަދަ ބޮޑު ހަމަނުޖެހުމެއް ހިނގައި، ދައުލަތުގެ
މުދަލަށް ގެއްލުންދީފައިވާއިރު، އެ ކަންކަމަށް ޕާޓީން ޒިންމާވާނެތޯ ނޫސްތަކުން
ސުވާލު ކުރުމުން ޕީއެންސީގެ އިސް ބޭފުޅުން ޖަވާބު ދެއްވާފައެއް ނުވެ އެވެ.