ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ސެނެޓަރ މުޙައްމަދު އިސްޙާޤް ދާރު، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އިރުތިޝާމް އާދަމްއާ ހޮނިހިރު ދުވަހު ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ. މި ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ހިނގަމުންދާ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ޚާރިޖީ ވަޒީރު ޑރ. އިރުތިޝާމް އާދަމްއަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ޙައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ޚާރިޖީ ވަޒީރު ޑރ. އިރުތިޝާމް އާދަމް ވަނީ ތައުރީފު ކުރައްވާފަ އެވެ.
ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ދެ ޤައުމުން ވެސް ބޭނުންވާކަން މި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ އަލުން ކަށަވަރުކޮށްދެއްވާފަ އެވެ.