ބަންގްލަދޭޝް އާއި ދިވެހިރާއްޖެއާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެވޭ އެއްބަސްވުން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށް ބަންގްލަދޭޝް ހައިކޮމިޝަނުން ހާމަ ކޮށްފި އެވެ.

މި އެއްބަސްވުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ޖަލުތަކުގައި ތިބި ބަންގްލަދޭޝްގެ ކުށްވެރިން އެނބުރި ގައުމަށް ގޮސް، އެމީހުންގެ ހުކުމުގެ ބާކީ އޮތް ބައި އެ ގައުމުގައި ފުރިހަމަކުރުމުގެ މަގު ފަހިވެގެންދާނެ އެވެ.

މި ކަމާ ގުޅޭ ތަފްސީލު ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގަ އެވެ. ހައިކޮމިޝަނުން ބުނި ގޮތުގައި، މި އެއްބަސްވުން އަވަސް މުއްދަތެއްގެ ތެރޭގައި ތަންފީޒުކުރުމަށްޓަކައި ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ގާތުން މަސައްކަތް ކުރަމުންނެވެ. އަދި ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ނިމުމާއެކު، މި އެއްބަސްވުމުގައި ސޮއިކޮށް އަމަލުކުރަން ފަށާނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާނޫނީ އަދި އިންސާނީ އެހީތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުށްވެރިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އެމީހުން އަލުން މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ހައްގުތަކާއި، އެމީހުންގެ ހާލަތު ބަލައި އިންސާނީ އެހީތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް އިސްކޮށް ހުންނަވައިގެން ވަފުދެއް ވަނީ ދާދިފަހުން މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާފަ އެވެ.

މި ޒިޔާރަތުގައި އެ ވަފުދުން ވަނީ މާފުށީ ޖަލުގައި ތިބި ބަންގްލަދޭޝްގެ 44 ކުށްވެރިއަކާ ބައްދަލުކޮށް، އެމީހުންގެ އާންމު ހާލަތު އޮޅުންފިލުވާފަ އެވެ.

ހައިކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މާފުށީ ޖަލުގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން 34 މީހަކީ އެކި މައްސަލަތަކުގައި ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ. އަދި ބާކީ ތިބި 10 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނެވެ.

ހައިކޮމިޝަނުގެ ވަފުދުގެ މެންބަރުން ވަނީ ކޮންމެ ކުށްވެރިއަކާ ވަކިވަކިން ވާހަކަދައްކައި، އެމީހުންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި، ކާބޯތަކެއްޗާއި، އަންނައުނާއި، ހުރުމުގެ އިންތިޒާމުތަކުގެ އިތުރުން ޖަލުގެ އާންމު މާހައުލު ހުރިގޮތް ބަލައި ވަޒަންކޮށްފަ އެވެ.

މި ޒިޔާރަތަށްފަހު އެ ވަފުދުން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި ކުށްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކޮށް، ގާނޫނީ ގޮތުން އެމީހުންނަށް ލިބިދޭންޖެހޭ ހިދުމަތްތަކާއި ވަސީލަތްތައް ލަސްނުކޮށް ފޯރުކޮށްދިނުމަށް ވަނީ އެދިފަ އެވެ.

ޖަލަށް ކުރެއްވި ޒިޔާރަތަށްފަހު ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް ވިދާޅުވީ، ގައުމުން ބޭރުގައި ދިރިއުޅޭ ބަންގްލަދޭޝްގެ ކޮންމެ ރައްޔިތެއްގެ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތައް ކަށަވަރުކުރުމަކީ އެމްބަސީގެ ޒިންމާއެއް ކަމަށެވެ.