ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
(ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ހުޅުމާލޭގައި ބެހެއްޓި ވޯޓު ފޮށި ކައިރީގައި
ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދިން މައްސަލައެއް
ފެންމަތިވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި ހަމަނުޖެހުން
ހިނގާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި ސަރަހައްދުގަ އެވެ.
މި ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް
ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު، އެތަނުގައި ތިބި ޕީއެންސީގެ ބައެއް މެމްބަރުން
އެކަކު އަނެކަކަށް ހަމަލާދީ ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ފެނެ އެވެ. މީގެ އިތުރުން
އެ މަރުކަޒުގައި ހުރި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަންވެސް
ފާހަގަކުރެވެ އެވެ. އެގޮތުން އެތަނުގައި ހުރި ގޮނޑިތަކާއި އެހެނިހެން ތަކެތި އުކައި،
މުދަލަށް ގެއްލުންދޭ މަންޒަރު ވީޑިއޯތަކުން ސާފުކޮށް ފެންނަން ހުއްޓެވެ.
މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދުގައި
ހަރަކާތްތެރިވި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، މަސްލަޙަތު ގޯސްކުރުމަށް އެތަނުގައި
އެއްވެ ތިބި މީހުން މަސައްކަތްކުރާ މަންޒަރުވެސް ވީޑިއޯއިން ފެންނައިރު، މި ހާދިސާއާ
ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ފެނިގެންދިޔަ
މި މަންޒަރުތަކަކީ ޑިމޮކްރަސީގެ ރީތި އުސޫލުތަކާ ބީރައްޓެހި، އަދި ސިޔާސީ ހަރަކާތެއްގެ
ތެރެއިން ފެނިގެންވާނެ ފަދަ ކަންތައްތަކެއް ނޫންކަން ފާހަގަ ކުރެވެ އެވެ.