ވެރިކަން
ކުރާ ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގައި އެ ޕާޓީގެ
ރަޖިސްޓްރީގައި ތިބި މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް 85 އިންސައްތަ މީހުން ވޯޓުލާން
ނުކުމެފައިވާ ކަމަށް އެ ޕާޓީގެ ޗެއަރޕަރސަން އަބްދުއްރަޙީމް އަބްދުއްﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީ
ޖަގަހަ ކުރިމަތީގައި ހުރެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އަބްދުއްރަޙީމް
ވިދާޅުވީ، މި އިންތިޚާބުގައި ގާތްގަނޑަކަށް 33،000 މެންބަރުން ވޯޓުލާން ނުކުމެފައިވާ
ކަމަށެވެ. އަދި މިހާ ގިނަ އަދަދެއްގެ މެންބަރުން ވޯޓުލާން ނުކުތުމަކީ ރައީސުލްޖުމްހޫރިއްޔާ
ޑރ. މުޙައްމަދު މުއިއްޒަށް ރައްޔިތުން ކުރާ އިތުބާރު ހާމަވެގެންދާ ކަމެއްގެ ގޮތުގައި
އޭނާ ސިފަކުރެއްވި އެވެ.
މިއިން މި އެނގިގެން ދަނީ ކޮންގްރެސް ޕާޓީއާ މެދުގައި ރައްޔިތުންގެ ޝައުގުވެރިކަން އޮތް ވަރު. އަދި މި ޕާޓީގެ ސަރުކާރާއި ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ އިތުބާރު އޮތް ވަރު މިއިން މި ދައްކައި ދެނީއަބްދުއްރަޙީމް އަބްދުއްﷲ
އަބްދުއްރަޙީމް
އެހެން ވިދާޅުވިނަމަވެސް، އެންމެ ފަހުން ބޭއްވުނު ރެފަރެންޑަމްތަކާއި ކައުންސިލް އިންތިޚާބުތަކުގެ
ނަތީޖާއަށް ބަލާއިރު، ސަރުކާރަށް އޮތް ތާއީދާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން
ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ބައެއް އިންތިޚާބުތަކުން ފެނިގެންދިޔަ ނަތީޖާތަކުން
ފެންނަން އޮތީ ރާއްޖޭގެ ބޮޑު އިންސައްތައެއް މި ހިނގަމުންދާ ސަރުކާރަށް އިތުބާރު
ނުކުރާ ކަމެވެ.
ޕީއެންސީގެ
އެތެރޭގެ ހިންގުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަޙީމް އިތުރަށް ވިދާޅުވީ،
ޕާޓީގެ އެކި މަގާމުތަކަށް 2،300 އެއްހާ މެންބަރުން ކުރިމަތިލާފައިވާ ކަމަށެވެ. މިއީ
އެ ޕާޓީގެ ހިންގުންތެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
މި އިންތިޚާބުގެ
ވޯޓުލުން ކުރިއަށް ގޮސްފައިވަނީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ އަތޮޅުތަކުގެ މެންބަރުން ވޯޓުލުމަށްޓަކައި މާލޭގެ ފަސް
ސަރަހައްދެއްގައި ވޯޓުފޮށިތައް ބަހައްޓާފައިވެ އެވެ.