ހދ
ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ
މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތްކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
މި މަޝްރޫއާ
ގުޅޭގޮތުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނައިވާދޫ ކައުންސިލްގެ ރައީސް
އަޙުމަދު އާފާގް ވިދާޅުވީ، ސްކޫލްގެ މަލްޓި ޕަރޕޯސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތަކީ
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުގައި 2022 ވަނަ އަހަރު ހަވާލުކޮށްގެން
ކުރިއަށްގެންދިޔަ މަޝްރޫއެއް ކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގެ ދައުރު ނިމުނުއިރު،
މި މަޝްރޫއުގެ މަސައްކަތްތަކެއް ވަކި ހިސާބަކަށް ނިމިފައި ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް
ވެރިކަން ބަދަލުވި ފަހުން މި މަސައްކަތް މުޅިން ހުއްޓިފައި އޮތް ކަމަށް އާފާގް ވިދާޅުވި އެވެ.
އާފާގް ވިދާޅުވި
ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި
މަޝްރޫއު އަލުން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)
އާ ހަވާލުކޮށްފަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ
ތެރޭގައި ނިންމާ ގޮތަށެވެ.
އެހެންނަމަވެސް،
މަސައްކަތް ފެށިގެން ކުރިއަށްދާއިރު އޭގެ ސްޕީޑް ހުރީ ވަރަށް ލަސްކޮށް ކަމަށް އޭނާ
ވިދާޅުވި އެވެ.
މަސައްކަތް
ލަސްވާން ދިމާވާ ސަބަބުތަކަށް އަލިއަޅުވާލައްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ،
ނައިވާދޫގައި ކުރިއަށްދާ ވަރަށް ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފައި ހުރުމަކީ
މަސައްކަތް ލަސްވާ އެއް ސަބަބު ކަމަށް ބެލެވޭ ކަމަށެވެ. އެއްފަހަރާ ގިނަ މަސައްކަތްތަކެއް
އެއް ކުންފުންޏަކާ ހަވާލުކޮށްފައި އޮތުމުން، ސްކޫލް ހޯލްގެ މަސައްކަތަށް ބޭނުންވާ ސަމާލުކަން
ނުލިބޭކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
މީގެ
އިތުރުން، އެރަށުގައި އެމްޓީސީސީއާ ޙަވާލުކޮށްފައި ހުރި ބައެއް މަޝްރޫއުތަކުގެ ތެރޭގައި
އެއްވެސް ވަރަކަށް މަސައްކަތް ނުހިނގާ މަޝްރޫއުތައްވެސް އެބަހުރިކަމަށް އޭނާ
ވިދާޅުވި އެވެ.
މީގެ އިތުރުން
އާފާގް ވިދާޅުވީ، މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު، ސަރުކާރުން އެމްޓީސީސީއާ
މަސައްކަތް ހަވާލުކުރި މުއްދަތުގެ ތެރޭގައި ހޯލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ
ކަމުގެ އެއްވެސް ޔަޤީންކަމެއް މިހާރު ނެތް ކަމަށެވެ.
ސްކޫލްގެ މަލްޓި ޕަރޕޯސް ހޯލަކީ ދަރިވަރުންގެ ތައުލީމީ
އަދި އިތުރު ހަރަކާތްތަކަށް ނުހަނު ބޭނުންތެރި ތަނަކަށްވާއިރު، މި މަޝްރޫއު ލަސްވަމުންދާތީ
ރަށުގެ ރައްޔިތުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުރިކަން ކައުންސިލުން ވަނީ
ފާހަގަކޮށްފަ އެވެ.