މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ
ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން ކަމަށް ފުވައްމުލަކު
މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް"
ޕްރޮގްރާމްގައި ޙުސައިން ވިދާޅުވީ، މިސަރުކާރުން މިހާތަނަށް ދައުލަތަށް އާމްދަނީ
އިތުރުކުރުމަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި، ފެންނަނީ ލިބޭ ފައިސާތައް
އިސްރާފު ކުރާ މަންޒަރު ކަމަށެވެ.

ޑްރޯން ގަތުމާއި ފުށިދިއްގަރުފަޅު ހިއްކުން ފަދަ ކަންކަމަކީ
ބޭކާރު ޚަރަދު ކަމަށާއި، އެކަމުގެ ސަބަބުން ޑޮލަރަށް އޮންނަ ޕްރެޝަރުވެސް އިތުރުވާކަމަށް
އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ޕްރޮޖެކްޓްތައް ކުރިއަށް ގެންދާކަން ދައްކަން
ހެޑްލައިން ހަދަން ކުރާ ހަރަދުތަކުގެ ސަބަބުން ޑޮލަރުގެ އަގާއި އިންފްލޭޝަން
މައްޗައް ގޮސް، އޭގެ ނިކަމެތިކަން ލިބެމުން ދަނީ އާންމު ރައްޔިތުންނަށް ކަމަށް
ވިދާޅުވި އެވެ.

ޑްރޯނަށް ހަރަދުކުރުމާއި އަދި އިތުރަށް މިތާގައި އޮތް ބޮޑު ސިންގާ ފަޅެއް ހިއްކައިގެން، މި އެތާގަ އަދި އަނެއްހެން 150ށް މިލިއަން ވަރު އެތަނަށް ވެސް ހަރަދުކޮށްފި ކަމަށް އެބަ ކިޔާ، މިހުރިހާ އެއްޗިސް އަކީ ވެސް މި އަޅުގަނޑު ވާހަކަ މިދައްކާ ޑޮލަރަށް ޕްރެޝަރު އަންނަން ޖެހޭ އެއްސަބަބު އެއީ
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ 

ޙުސައިން ވިދާޅުވީ، ރަށްރަށުގެ ތަރައްޤީއަށް
އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި މިސަރުކާރުން ހިންގާ އެންމެ ބޮޑު
ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވިޓް ކުރާ މީހުންނަށް ވަޒީފާ
ދިނުން ކަމަށެވެ. އަދި ބަޖެޓް ހުސްކުރަނީ ސަނާ ކިޔާ މީހުންނަށް ވަޒީފާ ދީގެން،
އިސްރާފަށް ކަމަށް ވިދާޅުވި އެވެ.

މިސަރުކާރުން ރައްޔިތުންގެ މި އިންފްރާސްޓްރަކްޗާރ ނޫނީ ރަށްރަށުގެ ތަރައްޤީއަށް މި ގެންނަން ޖެހޭ އެއްވެސް މަސައްކަތެއް ނުކުރޭ، ނުކޮށް ހަމައެކަނި ކުރަމުން މިދަނީ ރިކަރަންޓް ހަރަދުތަކެއް މިކުރަނީ މީ ކޮންމެ ދުވަހަކު ރައީސުލްޖުމްހުރިއްޔާއަށް ސަޕޯޓްކުރާ ނުވަތަ ޓުވިޓާގައި ނޫނީ ފޭސްބުކްގައި، ސޯޝަލް މީޑިއާގައި ސަނާކިޔާ މީހުންނަށް ވަޒީފާ ދީ އެކަން މިކުރަނީ  
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ 

މީގެއިތުރުން ސަރުކާރު ބަޖެޓުގެ ތެރެއިން އެއްވެސް
ކަމެއް ނުކުރާ ކަމަށާއި، ސަރުކާރުން ހިންގާ މަދު ޕްރޮޖެކްޓްތައް ހިންގަނީ ބޭންކް
އޮފް މޯލްޑިވްސް އިން ހަރަދު ކޮށްގެން ކަމަށްވެސް ޙުސައިން ތުހުމަތުކުރި އެވެ.