15 މާރިޗު 2026 ދުވަހުގެ
ވަގުތެއްގައި މ. ނަލަހިޔާ ރެސިޑެންސްގޭގެ އެޕާޓްމަންޓެއްގައި ހުރި 2 (ދޭއް) ތިޖޫރީ
ފަޅާލައި، އޭގައި ހުރި 3,992,000 (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް)
ރުފިޔާ ވަގަށްނެގި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ
އުފުލައިފި އެވެ.

މި މައްސަލައިގެ ދައުވާތައް ޕީޖީ އޮފީހުން
ކޯޓަށް ހުށަހަޅާފައިވަނީ 25 ޖޫން 2026 ގައެވެ. އެގޮތުން 5 މީހެއްގެ މައްޗަށް އެހެން
މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ
ދައުވާ އުފުލާފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ މ. އޭސިޔާ، އަޙްމަދު
ފާރިސް، ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު، ސ. މީދޫ،
މޫންލައިޓްވިލާ، މުޙައްމަދު އަފްރާޙް، ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފް އަދި ޅ. ނައިފަރު،
ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު އެވެ.

އޭގެ ތެރެއިން ފާރިސްއާއި ޖަޒީލް އަދި ނޫރުގެ
މައްޗަށް އިތުރު 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ ހުއްދަނޫން
ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އެވެ.

އެމީހުންގެ މައްޗަށް މި ދަޢުވާތައް
ކޮށްފައިވަނީ 15 މާރިޗު 2026 ދުވަހު މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަށް
ވަދެ، އެ އެޕާޓްމަންޓުގެ ކޮޓަރިތަކުގެ ދޮރުތަކަށާއި، ތިޖޫރީތަކަށް
ގެއްލުންދީފައިވާތީ އެވެ.

ޕީޖީ އޮފީހުން ވަނީ މި މައްސަލާގައި ވަގަށްނެގި
ފައިސާ ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށްވެސް ކޯޓުގައި އެދިފަ އެވެ.