މިދިޔަ ބުރާސްފަތި ދުވަހު ދުވަހު ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންގެ ތެރެއިން 3 މީހުންނަށް އަދިވެސް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލޭ ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ ރިޕޯޓު މިމަހުގެ 9 ވީ ބުރާސްފަތި ދުވަހުގެ ރޭ 21:16 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައިވާއިރު، އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި އެކްސިޑެންޓުގައި ލޯންޗުގައި ތިބި 5 މީހުންނަށް އަނިޔާވެފައިވެ އެވެ. އެއީ 4 ބިދޭސީންނާއި، ދިވެހި ފިރިހެނެކެވެ.
ރާއްޖެއެމްވީ އަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލޯންޗު އެކްސިޑެންޓާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ 5 މީހުން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އޭގެތެރެއިން 3 މީހުންނަށް މިހާރު ވޯޑުގައި ފަރުވާދެމުންދާ ކަމަށާއި، ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާއެއް ނުވާ ކަމަށެވެ. އަދި އަނެއް 2 މީހުންނަށް އެމެޖެންސީގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، "އެލްޖީއެން 101" ނަމަކަށް ކިޔާ މި ލޯންޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އެގޮތުން ލޯންޗުގެ އެއްފަޅި ވަރަށް ބޮޑަށް ހަލާކުވެ، ސީޓުތައް ވެސް ވަނީ ފުނޑުފުނޑުވެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓްގައި ލޯންޗަށް ބޮޑެތި ހެއްލުންތަކެއް ލިބިފައި.|މޯލްޑިވްސް ޕޮލިސް
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، އެކްސިޑެންޓަށް ފަހު ފިލި އުޅަނދު ހޯދުމަށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.