ހއ.މުރައިދޫ ބަނދަރުގެ 75 އިންސައްތަ މަސައްކަތް ނިންމާފައި އޮތް ނަމަވެސް މިސަރުކާރުގައި މިހާތަނަށް ބަނދަރުގެ އެއްވެސް މަސައްކަތެއް ނުކުރާކަން ހާމަވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް ނައުޝާދު އިބްރާހިމް ވަނީ ހއ.އަތޮޅުގެ ތަރައްގީ ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. 

މުރައިދޫއަށް އިޝާރާތް ކުރައްވައި ނައުޝާދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެރަށުގެ ބަނދަރުގެ މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ. މިމަޝްރޫއު އެއްކޮށް ނިމި، ލަފާފުރުމަށް ފަސޭހަވެގެން ދިއުމަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި، ނަމަވެސް މިސަރުކާރުގައި މިހާތަނަށް އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ނައުޝާދު ވިދާޅުވި އެވެ. އަދި ބަނދަރުގެ މަޝްރޫއު ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރި ނަމަވެސް ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށާއި، ވާނުވާ ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ނައުޝާދު ވިދާޅުވީ ބަނދަރުގެ މަޝްރޫއު ކުރިއަށް ނުދާތީ ރައްޔިތުން މަޖިލީހުގެ މެންބަރުގެ ސަމާލު ކަމަށް މިކަން ގެނައި ނަމަވެސް މިކަމަށް އެއްވެސް އިޖާބައެއް ދީފައިނުވާ ކަމަށެވެ. 

މުރައިދޫއަށް ބަލާލާއިރު މުރައިދޫގެ އެންމެ ގިނަ ރައްޔިތުން މިއަދު އެދިއެދި އޮތް ކަމަކީ ބަނދަރުގެ މަސައްކަތް. އަޅުގަނޑުމެންގެ ވެރިކަން ނިމުނުއިރު ބަނދަރުގެ މަސައްކަތް ގާތްގަނޑަކަށް 75 ޕަސެންޓްގެ މަސައްކަތް އޮތީ ނިމިފައި. އެ ނިމިފައި އޮތް ގޮތަށް އޮތީ. އެއްވެސް މަސައްކަތެއް މިއަދު ނުކުރޭ. މަސައްކަތް ކުރާ ކޮންޓްރެކްޓަރެއް މިއަދު އެތާގައި އޮތީއެއް ނޫން. މެޓީރިއަލެއް އޮތީއެއް ނޫން. އަދި މަސައްކަތް ކުރާނެ އެއްވެސް ބަޔަކު އެތާގައި ނެތް. 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް ނައުޝާދު އިބްރާހިމް

މުރައިދޫ ބަނދަރުގެ މަޝްރޫއު މިދިޔަ ސަރުކާރުގައި ހަވާލުކޮށްފައިވަނީ 36.3 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އަށެވެ.