މ.އަތޮޅަކީ މަސްވެރި އަތޮޅެއް ނަމަވެސް މ. އަތޮޅުން ތެލާއި، އައިސް ނުލިބޭކަން ހާމަވެއްޖެ އެވެ. 

ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު ވިދާޅުވީ މ. އަތޮޅަކީ މަސްވެރި އަތޮޅެއް ކަމަށާއި، ވަރަށް ގިނަ މަސްވެރިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިހާރު ވެސް މުލަކުގެ 5 ދޯންޏެއް މަސްވެރިކަމުގައި އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިންނަށް ވަރަށް  ދަތިވެފައިވާކަން ފާހަގަކުރައްވައި ޖަމާލު ވިދާޅުވީ މ. އަތޮޅުން މަސްވެރިންނަށް އައިސް އަދި ތެޔޮ ނުލިބޭ ކަމަށެވެ. ހުރިހާ އަތޮޅަކުން މަސްވެރިންނަށް އައިސް އަދި ތެޔޮ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް  ވިދާޅުވި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށާއި، މިމައްސަލައާ ގުޅިގެން މިނިސްޓަރު ޝިޔާމްއާ ކައުންސިލުން ބައްދަލު ކުރުމަށް ދެތިން ފަހަރު އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމާލު ވިދާޅުވީ މިފަހުން އޮންލައިންކޮށް ބައްދަލު ކުރުމަށް ހަމަޖެހުނު ނަމަވެސް ބައްދަލުވުމަށް ވަގުތު ކައިރިވެފައިވަނިކޮށް މިނިސްޓަރު ޝިޔާމްގެ ޝެޑިއުލްއަށް އައި ބަދަލަކާއެކު އެ ބައްދަލުވުން ކެންސަލް ކުރި ކަމަށާއި، އޭގެފަހުން ބައްދަލުވުން އޮންނާނެ ދުވަހެއް މިނިސްޓްރީން އަންގާފައިނުވާ ކަމަށެވެ. 

ނިމިދިޔަ ސަރުކާރުގައި މުލަކުގައި ކޯލްޑް ސްޓޯރޭޖެއްގެ މަސައްކަތް ފަށާފައި އެތަނުގެ ބަނދަރުގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމުމަމާ ހަމައަށް ގޮސްފައި އޮތީ. އެހެންނަމަވެސް އެއްގަމުގައި އެ ހަދަން ޖެހޭ އިމާރާތްތަކާ އެކަހަލަ ކަންކަން ކުރުމުގެ މަސައްކަތް އަދި އެއްވެސް ވަރަކަށް ކުރިއަށް ނުދޭ. އެއީހަމަ މަސްވެރިންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. ޚާއްސަކޮށް މިހާރު މަސްވެރިންނަށް ދިމާވެފައި އޮތް ދައްޗަކީ ތެޔޮ އައިސް ނުލިބޭ މައްސަލަ އަކީ ޚާއްސަކޮށް މަސްވެރިންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. ހަމައެކަނި މުލަކެއް ނޫން. މީމު އަތޮޅުން ވެސް އެ ޚިދުމަތް ލިބެން ނެތުން މިއީ މީމު އަތޮޅުގެ ހުރިހާ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް.
މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު 

ޖަމާލު ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަމަށެވެ. އަދި މިހާތަނަށް މަސްވެރިންނަށް ދިމާވާ ގޮންޖެހުމަކަށް ހައްލު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.