އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން ކަމަށް މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ކައުންސިލްގެ ރައީސް ޖަމާލު ވަނީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލައި، ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ކައުންސިލްތަކުގެ ބާރު ހަނިކޮށް، ކުރީގެ ޒަމާނަށް ހިޖުރަ ކުރުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ލާމަރުކަޒީ ނިޒާމަކީ ރަށްތައް ހިންގުމަށް އެންމެ އެކަށީގެންވާ ނިޒާމުކަން ފާހަގަކުރައްވައި ޖަމާލު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކައުންސިލްތަކުން ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. 

އެގޮތުން ޕާކެއް ތަރައްގީކޮށް، ލަފާފުރާ މީހުންނަށް ޚާއްސަކޮށްގެން ޒަމާނީ ފެންވަރުގެ ޓާމިނަލެއް ތަރައްގީ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަ ކުއްލި ކުއްލި ބަދަލުތަކުން ވަރަށް ބޮޑަށް މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޖަމާލު ވިދާޅުވީ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރިއިރު ގްރާންޓް ބޮޑު ނުކުރާ ކަމަށާއި، އެކަމުގެ ސަބަބުން މިހާރު ގްރާންޓް އެކުއެކީގައި ހޭދަ ކުރަން ޖެހޭނީ މުސާރަ އަށް ކަމަށެވެ. އަދި ރަށުގެ ތަރައްގީ އަށް ނުވަތަ އެހެން ވެސް ހަރަކާތްތަކެއް ހިންގުމަށްޓަކައި ކައުންސިލަށް ލިބޭ އާމްދަނީއަކުން އެކަންކަން ހަމަޖައްސަން މަޖުބޫރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ލާމަރުކަޒީ ގާނޫނަށް ހަމަ ކުއްލިކުއްލިއަށް މިގެންނަ ބަދަލުތައް ހަމަ ވަރަށް ހަރުކަށި އިބާރާތުން ވަރަށް ކުށްވެރި ކުރަން ހަމަ އެގެނައި ބަދަލުތައް. އެއީ މީގެ ކުރީގައި ނިމިގެން ދިޔަ ދައުރުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމަ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމު މިތާގައި ބައްޓަން ވެފައި އޮތީ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ގުޅިގެން ލާމެހިގެން ހަމަ ވަރަށް ރަނގަޅަށް އޭތި ހިނގާގެނެފައި އޮއްވާ މިބޭފުޅުން ވަޑައިގެން މި ބަދަލުތައް ގެންނެވީ. ޚާއްސަކޮށް ތި ދެންނެވިހެން ބަޖެޓަށް ގެނައި ބަދަލުތަކާ އެކު އަޅުގަނޑުމެންނަށް ވެސް ގާތްގަނޑަކަށް 12 މިލިއަނެއްހާ ރުފިޔާ ދައުލަތުން ގްރާންޓްގެ ގޮތުގައި މި ދެއްވަނީ. އަހަރަކަށް. އޭގެ ތެރެއިން ބޮޑު ބައެއް 11 މިލިއަންވަރު މި ހަރަދު ވަނީ މުސާރައަށް. ދެން އަޅުގަނޑުމެންނަށް މިއޮންނަނީ ބާކީ މިލިއަނެއްހާ ރުފިޔާ ރުފިޔާ ބާކީ އެހެން ހަރަކާތްތައް ކުރިއަށް ގެންދަން. 
މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު

މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލުން އެއީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުންކަން ފާހަގަކުރައްވައި ޖަމާލު ވިދާޅުވީ، އަތޮޅު ކައުންސިލްތަކުން އަތޮޅުގެ ތަރައްގީއަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި، މ.އަތޮޅު ކައުންސިލުން ނަތީޖާ ދައްކާފައިވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކަކީ ހަމައެކަނި ހުއްދަތައް ހޯދުމަށް އޮންނަތަނެއްގެ ގޮތުގައި މިސަރުކާރުން ސިފަ ކުރި ނަމަވެސް އެއީ ހުރިހާ ކަމެއް މޮނިޓަރކޮށް، މަސައްކަތް ކުރާ ބޮޑީއެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ނިމިގެން ދިޔައިރު ވާނެ ކޮންމެ ރަށެއްގައި 4 ކޮޓަރީގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމް ކުރުމަށްޓަކައި ފަންޑު ދީފައި. އެއީ ކައުންސިލްތަކުގެ އާމްދަނީ އިތުރު ކުރުމަށް ކައުންސިލްތަކަށް ކޮށްދޭ ކަމެއްގެ ގޮތުގައި. އަތޮޅު ކައުންސިލުން އިސްނަގައިގެން ހިންގި ކަމެއް އެއީ. ދެން އޭގެ އިތުރުން އަތޮޅު ހުރިހާ ކައުންސިލް އިދާރާ ސޯލާ މިހާރު ވަނީ ކުރެވިފައި. އޭގެ ސަބަބުން އަޅުގަނޑުމެން ގަބޫލުކުރަނީ ގައިމު ވެސް އަޅުގަނޑުމެންގެ ކައުންސިލް އިދާރާ ސޯލާ ކުރީމަ އަޅުގަނޑުމެންނަށް ކޮންމެ މަހަކު 15000 ރުފިޔާ ސޭވްވީ ކައުންސިލްގެ ބަޖެޓުން. އެކަހަލަ ވަރަށް ގިނަ ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކެއް އެބަހުރި އަތޮޅު ކައުންސިލުން ކޮށްފައި. 
މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު

ޖަމާލު ވިދާޅުވީ މިދިޔަ ދައުރުގައި އަތޮޅު ކައުންސިލުން ލޯންޗެއް ހޯދައި، އެ ލޯންޗުގެ ޚިދުމަތް ވެސް މުޅި އަތޮޅަށް ދިން ކަމަށެވެ. އެކަމުގެ ލުއި ފަސޭހަކަން ހޮސްޕިޓަލް، ސްކޫލު އަދިވެސް ސަރުކާރުގެ އޮފީސްތަކަށް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލައި، އަތޮޅު ކައުންސިލްގެ ޚިދުމަތްތައް ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު އެސެޓްތަކަށް ހަދަންވީ ގޮތް ނޭނގޭ ކަމަށެވެ.