ވިލިމާލެ އަކީ ފެހިކަމާ، ގުދުރަތީ އެތައް ސިފައެއް ލިބިފައިވާ ރީތި ތަނަކަށް ވާއިރު އެ ތަން ހިމާޔަތް ކޮށް އެގޮތުގައި ބޭއްވުމަށާ އެތަން ކޮންކްރީޓް ޖަންގައްޔަކަށް ނުހެދުމަށް އެމްޑީޕީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ވިލިމާލެ އަކީ ފެހިކަމާއި، ގުދުރަތީ ތަބީއަތާއި ސިފަތައް ހިމާޔަތް ކުރެވިފައިވާ ކޮންކްރީޓް ޖަންގައްޔަކަށް ނުވާ ރަށެއްގެ ގޮތުގައި ދަމަހައްޓަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އިސާހިތަކު ވިލިމާލެ ބްރިޖް އިން މާލެ އާއި ގުޅީފަޅު، ތިލަފުށި ގުޅޭނެ ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެތަންތަނުގައި އުސްކޮށް، ކޮންކްރީޓް އިމާރާތްތައް އޭރުން އެޅިދާނެ ކަމަށެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވިއިރު ވިލިމާލެއަކީ މާލޭގެ އަވަށްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، ގުދުރަތީ ރީތިކަމާއި ހަމަހިމޭންކަން ލިބިފައިވާ އެއް އަވަށެވެ. މާލޭގެ ކުޑަބޮޑުމިނާ އަޅާބަލާއިރު ވިލިމާލެ އަދިވެސް ފެންނަނީ ނިސްބަތުން ފެހިކަން ގަދަ، ހިތްފަސޭހަ މާހައުލެއްގެ ގޮތުގަ އެވެ. މަގުތަކުގައި ހިޔާދޭ ބޮޑެތި ގަސްތައް ހުރުމާއި، އިންޖީނުލީ އުޅަނދުފަހަރު މަދުވުމުގެ ސަބަބުން އެ ރަށަށް ލިބިފައިވަނީ ތަފާތު ދިރުމެކެވެ.
ނަމަވެސް، ފަހަކަށް އައިސް ވިލިމާލޭގެ ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފަ އެވެ. އެއީ މާލެއެކޭ އެއްފަދައިން ވިލިމާލެވެސް "ކޮންކްރީޓް ޖަންގަލީ" އަކަށް ބަދަލުވަމުންދާ ކަމުގެ އިހުސާސެވެ.
ވިލިމާލޭގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި، ހަލުވިކަމާއެކު އަންނަމުންދާ ތަރައްގީގެ ސަބަބުން ރަށުގެ އަސްލު ސިފަ ގެއްލެމުންދާކަމުގެ ބިރު އެބައޮތެވެ. ބޮޑެތި އުސް އިމާރާތްތައް ބިނާކުރުމާއި، މަޝްރޫއުތަކަށްޓަކައި ޒަމާންވީ ބޮޑެތި ގަސްތައް ކަނޑަމުންދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
މި ކަންބޮޑުވުންތަކާއެކު، ވިލިމާލޭގެ ރައްޔިތުން ދަނީ އެމީހުންގެ އަޑު އުފުލަމުންނެވެ. އެމީހުން ބޭނުންވަނީ ތަރައްގީއާއެކުވެސް ރަށުގެ ފެހިކަމާއި، ހަމަހިމޭންކަން ހިމާޔަތްކުރާށެވެ. ވިލިމާލެއަކީ މާލޭގެ ތޮއްޖެހުމުން ސަލާމަތްވާން ދާންއޮތް ހަމައެކަނި މާހައުލަށް ވާއިރު، އެ ރަށްވެސް ކޮންކްރީޓް ޖައްޔަކަށް ބަދަލުވެއްޖެނަމަ، މުސްތަގުބަލުގެ ޖީލުތަކަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ރަށުގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ.