މި ސަރުކާރުން ފައިސާ ހޯދަނީ ޑޮމެސްޓިކް މާރކެޓާއި
ބޭންކް އޮފް މޯލްޑިވްސް އިން ކަމަށް ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް
ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަދި ކުރީގެ ޕެންޝަން ބޯޑު މެންބަރު އަހުމަދު
ސަރުވަޝް އާދަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް"
ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަރުވަޝް ވިދާޅުވީ ޑޮލަރުގެ ތާށިކަން ދިމާވަނީ
ސަރުކާރަށް ރާއްޖެއިން ބޭރުން ފައިސާ ނުހޯދޭތީ ކަމަށެވެ. އަދި އެބައި ފޫބައްދަނީ
ބީއެމްއެލް އާއި ރާއްޖޭގެ ޑޮމެސްޓިކް މާރކެޓްއިން ފައިސާ ހޯދައިގެން ކަމަށް
ވިދާޅުވި އެވެ.

ވަރަށް ބޮޑަށް ޑޮމެސްޓިކް މާރކެޓްއިން ފައިސާ
ހޯދަނީ، މިހާރު ހަގީގަތުގައި ބަޖެޓުގައި ފައިނޭންސިންގ
ޕްލޭން މި އޮންނަނީ ޑޮމޭސްޓިކް މާރކެޓުން އެއްބައި، މީ ބޭރުގެ ބައެއް
ފަރާތްތަކުން އެއްބައި ހޯދާ ގޮތަށް އެހެންނަމަވެސް ބޭރުގެ ފަރާތްތަކުން ފައިސާ
ނުހޯދޭތީވެ އެއްކަލަ ޑޮލަރުގެ ތާށިކަން މި ދިމާވަނީ، އެހެންނަމަވެސް އެބައި
ފޫބައްދަނީ ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގެ ޑޮމޭސްޓިކް މާރކެޓުން ފައިސާ
ހޯދައިގެން
ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަދި ކުރީގެ ޕެންޝަން ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް 

ބީއެމްއެލް އަދި ޑޮމެސްޓިކް މާރކެޓްތަކުން ފައިސާ
ހޯދުމުގެ ސަބަބުން ދިވެހި އާންމު ރައްޔިތުންނަށް ގެއްލުން ކުރާނެ ކަމަށް ސަރުވަޝް
ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުންނަށް ލޯނު ދޭން ހުންނަ ފައިސާ
މަދުވާނެ ކަމަށާއި އާންމުންނަށް ޑޮލަރު ނުލިބި، ޑޮލަރުގެ މައްސަލަތައް އުފެދެނީ
ބޭރުގެ ފަރާތްތަކުން ފައިސާ ނުލިބި ޑޮމެސްޓިކް މާކެޓުން ފައިސާ ނަގާތީ ކަމަށް
ވެސް ވިދާޅުވެފައިވެ އެވެ. މީގެއިތުރުން މިގޮތަށް ކަންތައް ކުރުމުން ބޭރުގެ
ދަރަނިތައް ބަދަލުވަނީ ޑޮމެސްޓިކް ދަރަންޔަށް ކަމަށް ވިދާޅުވި އެވެ. އަދި ދަރަނި
ދައްކަނީ ބީއެމްއެލް ނުވަތަ ޑޮމެސްޓިކް މާރކެޓަކުން ދަރަންޔަށް ފައިސާ ނަގައިގެން
ކަމަށެވެ.

މީގެ އިތުރުން ސަރްވަޝް ވިދާޅުވީ ސަރުކާރުން
މޮނިޓަރީ ފައިނޭންސް ބޭނުން ކޮށްގެން ވެސް ފައިސާ ހޯދަން މަސައްކަތް ކުރާ
ކަމަށެވެ. އެގޮތުން އެމްއެމްއޭއިން ހުޅުމާލެއިން ބިން ގަނެގެންނާއި
ޕެންޝަން އޮފިސް މެދުވެރިކޮށް ފައިސާ ހޯދަން މަސައްކަތް ކުރިކަމަށް ވިދާޅުވި އެވެ.

ހަގީގަތުގައި މި ދަރަނި އެއްކޮށް ބަދަލުވަނީ
ޑޮމެސްޓިކް ދަރަންޔަށް، އެހެންވީމަ ދަރަނި ނަގައިގެން މިކުރަނީ، ހަމަ ދަރަނީގައި
ދައުލަތް ހިންގަނީ، އެ ދަރަނި އިތުރުވަމުން އަންނަނީ ވެސް
ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަދި ކުރީގެ ޕެންޝަން ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް 

މިމޭރުމުން ސަރްވާޝް ވާހަކަ ދައްކަވައި
ކަންބޮޑުވުންފާޅު ކުރައްވާފައިވާއިރު، ރާއްޖޭގައި ޑޮލަރުގެ ރޭޓު އެދުވަހުން އަނެއް
ދުވަހަށް މަތިވެ، އިގްތިސާދީ ހާލަތު ދަނީ ދަށަށްކަން ފާހަގަކުރެވެ އެވެ. އަދި
މިކަމުން ދިފާއުވުމަށް ރާއްޖޭގެ ދަރަނި ދައްކަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު
ވިދާޅުވެފައިވެ އެވެ. ނަމަވެސް ދަރަނި ދެއްކީ ރިޒާވުގައި ހުރި ފައިސާއިން ކަމަށާއި،
ރައްޔިތުން ސަރުކާރަށް ދިން ގާތްގަނޑަކަށް 900 މިލިއަން ޑޮލަރަށް ވީނުވީ ނޭނގޭ އެމްޑީޕީގެ
ރައްޔިތުން މަޖިލީހުގެ މެންބަރުން ވިދާޅުވެފައިވެ އެވެ. އަދި މިތުހުމަތުތަކަށް
ސަރުކާރުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައިނުވެ އެވެ.