ލާމަރުކަޒީ ގާނޫނަށްފަހު ގެނެވުނު އިސްލާހުތަކުގެ
ސަބަބުން އެގާނޫނުން ކައުންސިލުތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް
އަމަލީ ގޮތުން ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވެފައިވާ ކަމަށް މާލެ ސިޓީގެ
މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ
ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާޒިމް ވިދާޅުވީ ވޭތުވެދިޔަ 15 ވަރަކަށް
އަހަރުތެރޭގައި ލާމަރުކަޒީ ނިޒާމުގެ ސަބަބުން ދާއިރާތަކުގެ ޑިމޮކްރަސީ ވަރުގަދަވެ،
ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާ ވާނެ ކަމަށެވެ.
ނަމަވެސް ލާމަރުކަޒީ ނިޒާމުގެ އެންމެ ފުރިހަމަ
މާނައިގައި ތަންފީޒު ކުރުމަށް ކުރާ ދަތުރު ނިމުމަކަށް ނާންނަ ކަމަށާއި އަދިވެސް
ގޮންޖެހުންތައް ހުރިކަމަށް އާޒިމް ވިދާޅުވި އެވެ. ގާނޫނަށް މިފަހުން ގެނެވުނު ބަދަލުތަކުގެ ސަބަބުން
ކައުންސިލުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އާޒިމް ވިދާޅުވި
އެވެ. އަދި ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު
ބަދަލުތަކުގެ ސަބަބުން ސިޓީ ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި
ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ފަހުން ގެނެވުނު
އިސްލާހުތަކުގެ ސަބަބުން އެގާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް
އަދާކުރުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްތަކެއް ކުރިމަތިވެފައި، މިރޭ މި ހުށަހަޅަނީ
ވޭތުވެދިޔަ 6 މަސް ދުވަހުގެ ރިޕޯޓު، މި މުއްދަތުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް
ގެނެވުނު ބަދަލުތަކުގެ ސަބަބުން ސިޓީ ކައުންސިލުގެ މައްސޫލިޔަތުތައް އަދާކުރުމުގެ
ގާބިލުކަން، ބޮޑެތި އަސަރުތަކެއް ކުރިކަން ފާހަގަކޮށްލެވިގެން ގޮސްފައިވާނެ.މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
އާޒިމް ވިދާޅުވީ ހަގީގީ ލާމަރުކަޒީ ނިޒާމެއް
ގާއިމުކުރުމަށްޓަކައި ހަމައެކަނި ލޯކަލް އޮތޯރިޓީތަކަށް ޒިންމާ ހަވާލުކުރުމަކުން
ނުފުދޭ ކަމަށެވެ. ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ މިނިވަން ކަމާއި
ވަސީލަތްތައް އަދި މުވައްސަސާގެ ގާބިލުކަން ކައުންސިލްތަކަށް ލިބިދޭން ޖެހޭނެ ކަމަށް
ވިދާޅުވި އެވެ.
މާލެ ސިޓީ އަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކޮށް، ދިރިއުޅެން ފަހި ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި 2027 އިން 2031 އަށް ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ މައްޗަށް އެކުލެވޭ ތަރައްގީގެ ޕްލޭނެއް މާލެ ސިޓީ ކައުންސިލުން ވަނީ އެކުލަވާލާފަ އެވެ.
"ރިތިންކް މާލެ އާރބަން ސްޓްރެޓެޖީ 2030/2050" ގެ ނަމުގައި އެކުލަވާލި މި ދުރު ރާސްތާ ޕްލޭންގެ މައިގަނޑު ތަސައްވަރަކީ ކުރިއަށް އޮތް 25 އަހަރު ދުވަހުގެ ތެރޭގައި މާލެއަކީ ދިރިއުޅެން ފަހި، ހިތްފަސޭހަ ޖަޒީރާ ސިޓީއަކަށް ހެދުމެވެ. މި ޕްލޭން ބަހާލެވިފައިވަނީ މައިގަނޑު ތިން ދާއިރާއަކަށެވެ. އެއީ ތިމާވެށި، އިގުތިސާދު އަދި މުޖުތަމައެވެ. މި ދާއިރާތަކުގެ ދަށުން ޖުމްލަ 7 އިސްތިރާޖެއް ވަނީ ކަނޑައަޅާފަ އެވެ.
ޕްލޭންގެ ފުރަތަމަ އިސްތިރާޖަކީ މާލެއަކީ "ހަލުވި ސިޓީ" އަކަށް ހެދުމެވެ. މީގެ މަގުސަދަކީ ދަތުރުފަތުރު ކުރުމާއި ހިނގާބިނގާވެ އުޅުމަށް ފަސޭހަ ނިޒާމެއް ގާއިމުކުރުމެވެ. މީގެ ދަށުން ވެހިކަލް ކެރީން ކެޕޭސިޓީ ކަނޑައެޅުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ވަނީ ނިންމާފަ އެވެ.
ދެވަނަ އިސްތިރާޖަކީ "ފިނި ސިޓީ" އެކެވެ. މާލޭގެ ހޫނުމިން މަޑުކުރުމަށްޓަކައި ފެހިކަން އިތުރުކުރުމާއި، ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށް، ކުނި އުކާލުމުގެ ނިޒާމު ހަރުދަނާކުރުމަށް ވަނީ ހިމަނާފަ އެވެ. ތިންވަނަ އިސްތިރާޖެއްގެ ގޮތުގައި އޮތީ "ބަދަލުތަކަށް އިޖާބަދޭ ސިޓީ" އަކަށް ހެދުމެވެ. މީގެ ދަށުން ބިންތައް ބޭނުންކުރާ ގޮތް ތަރުތީބުކޮށް، ސިނާއީ މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ކަނޑައެޅުން ހިމެނެ އެވެ.
އިގުތިސާދީ ކުރިއެރުމަށް އަމާޒުކޮށް ހަތަރުވަނަ އިސްތިރާޖެއްގެ ގޮތުގައި "ފާގަތި ސިޓީ" އެއް ބިނާކުރުން ހިމަނާފައިވާއިރު، ފަސްވަނަ އިސްތިރާޖަކީ "އެންމެން ހިއްސާވާ ސިޓީ" އެކެވެ. މީގެ ބޭނުމަކީ ބޯހިޔާވެހިކަމާއި ވަޒީފާގެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ. ހަވަނަ އިސްތިރާޖެއްގެ ގޮތުގައި "އަމިއްލަވަންތަ ސިޓީ" އެއްގެ ގޮތުގައި މާލެ ތަރައްގީކޮށް، ސަގަފީ ތަރިކަ ރައްކާތެރިކުރުމަށް ވަނީ ނިންމާފަ އެވެ.
ޕްލޭންގެ އެންމެ ފަހު އިސްތިރާޖަކީ "އަމާން އަދި ރައްކާތެރި ސިޓީ" އެކެވެ. މީގެ ދަށުން ގާނޫނީ އެހީތެރިކަމާއި ޑިޖިޓަލް ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވުން ހިމެނެ އެވެ. މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ހުރިހާ ލަނޑުދަނޑިތަކެއް ހާސިލްކުރުމަށްޓަކައި ކައުންސިލްގެ އިދާރީ ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ވެސް ވަނީ ރޭވިފަ އެވެ. މި ޕްލޭނަކީ މާލޭގެ މުސްތަގުބަލަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެ އެވެ.
ސިޓީ ކައުންސިލުން ހާމަކުރި ގޮތުގަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމަކީ މާލެ ސިޓީގެ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.