ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހަކީ، އޯޓިސްޓިކް މީހެއް ކަމަށާއި، ކުޑައިރުން ފެށިގެން ފަރުވާ ހޯދާތީ، މިހާރު ވެސް އޭނާ ގެ ނަފުސާނީ ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް ދިފާއުން ކޯޓުގައި ބުނެފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ލ.ކަލައިދޫއަށް އުފަން، 30 އަހަރުގެ އަބްދުﷲ ރާއިފް އެވެ. މިމަހުގެ 9 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާ ގެ ބަންދަށް 30 ދުވަސް ވަނީ ޖަހާފަ އެވެ. 

ކްރިމިނަލް ކޯޓުން ކުރި އަމުރުން އެނގޭ ގޮތުގައި، އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ކޯޓަށް ފުލުހުން ވަނީ ހުށަހަޅާފަ އެވެ.

އޭގެތެރޭގައި، ކަސްޓަމްސްގެ މައްސަލަ ހުށަހަޅާ ފޯމާއި، އިންޓެލިޖެންސް ރިޕޯޓާއި، ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި، ހެކިބަސްދޭ ފަރާތްތަކުގެ ބަޔާނާއި، ސީން އޮފް ކްރައިމް އޮފިސަރ ރިޕޯޓުތައް ހިމެނެ އެވެ. އަދި، އޭނާ ގެ ކުޑަކަމުދާ ތަކެތީގެ ތަހުލީލް ރިޕޯޓު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އޭނާ އަކީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮންނަ މީހެއްކަން ވެސް ކޯޓު އަމުރުން އެނގެ އެވެ. 

މި މައްސަލައިގައި ރާއިފްއާ ގުޅުންހުރި އިތުރު ތަންތަން ބަލައި ފާސްކޮށް މަސްތުވާތެކެތި ފެނިފައިވާ ކަމަށާއި، އޭނާއާ މިހާދިސާގައި ފެނުނުތަކެއްޗާއި ގުޅުން އޮތްކަމާއި އަދި މި އަމަލުތައް ހިންގާފައިވާނީ އެހެން ފަރާތްތަކާއ ގުޅިގެން ކަމަށް ފުލުހުން ފާހަގަކޮށްފައިވެ އެވެ. 

ނަމަވެސް ދިފާއުން ކޯޓުގައި ބުނީ، އޭނާ އަކީ އޯޓިސްޓިކް މީހަކަށްވާތީ ކުޑައިރުއްސުރެ ފަރުވާ ހޯދާފައިވާ ފަރާތެއް ކަމަށާއި، އޭނާ ގެ ނަފްސާނީ ހާލަު ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ބޭނުންވާ ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ނުވާ ކަމަށް ބަޔާން ކޮށްފައިވާތީ އެކަމަށް ރިޔާއަތްކޮށް ތަހުގީގުން އޭނާ ގެ އެސެސްމަންޓު ކަންކަން ބަލައި އެކަން ކަމަށް ބޭނުންވާ އެހީތެރިކަން ފުރިހަމަ ކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ކޯޓުން ވަނީ އަންގާފަ އެވެ.