ހއ.ބާރަށުގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރި ޓޫރިޒަމް ޒޯނަށް މިސަރުކާރުން ހުރަސް އަޅާފައިވާކަން ހާމަވެއްޖެ އެވެ.
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް ނައުޝާދު އިބްރާހިމް ވިދާޅުވީ ބާރަށުގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ ޒުވާނުން ވަރަށް ބޭނުންވާ ކަމެއް ކަމަށާއި، އެ ދާއިރާގައި މިހާރު ވެސް އެރަށުގެ ގިނަ ޒުވާނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެރަށުގައި ޓޫރިޒަމް ތަރައްގީ ކުރުމުގެ މަސައްކަތް ފެށި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބާރަށުގައި ޓޫރިޒަމް ޒޯނެއް ޑިވެލޮޕްކުރުމަށް ހުޅުވާލައި، އެމަސައްކަތް ކުރިއަށް ގެންދިއުމަށް ބިޑު ވެސް ކޮށްފައިވާ ކަަމަށެވެ.
ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއެކު އެ ބިޑު ބާތިލް ކޮށް މިސަރުކާރުން ބޭނުންވާ ވަކި ގޮތަކަށް އެކަންކަން ކުރުމަށް ނިންމި ކަމަށް ނައުޝާދު ވިދާޅުވި އެވެ. ނަތީޖާއެއް ގޮތުން މިއަދު ވެސް އެމަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ރަށުގައި އޭރު ކައުންސިލުން، ކައުންސިލަށް ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ރަށުގެ ޓޫރިޒަމް ޒޯނެއް ޑިވެލޮޕްކުރުމަށް ހުޅުވާލި. އެ މަސައްކަތްތައް ހުޅުވާލައި، އެއަށް ޝައުގުވެރިކަން ފާޅުކޮށްފައި ބަޔަކު ބިޑު ވެސް ލާފައި އޮތީ. ވެރިކަން ހަމަ ނިމުމާއެކު އެ ބިޑު އެއްކޮށް ކެންސަލްކޮށްލައި މިބޭފުޅުން އަމިއްލަ ގޮތަކަށް މިކަން ކުރުމަށް ވިސްނައިގެން. އަލުން އިއުލާންކުރި. މިހާރު ތިން ފަހަރު، ހަތަރު ފަހަރު އިއުލާންކޮށްފި. އަދި މި ބޭފުޅުންނަށް މިކަމުގައި ކުރެވޭ ގޮތެއް ނުވޭ. މިއީ ހަގީގަތުގައި ރަށުގައި ތިބި ޒުވާނުންނާއި އަދި ވަޒީފާތަކަށް ބޭނުންވެފައި ތިބި އެތައް ބަޔަކަށް ދޭ ވަރަށް ބޮޑު ގެއްލުމެއް.އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް ނައުޝާދު އިބްރާހިމް
ނައުޝާދު ވިދާޅުވީ ޓޫރިޒަމް ޒޯނު ތަރައްގީ ނުކުރެވި ދާ ކޮންމެ ދުވަހަކީ އެރަށަށާއި، ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ ސަރުކާރުން ކުރި އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދިޔަނަމަ އެމަސައްކަތް ފެށި އޭގެ ފައިދާ މިއަދު ރައްޔިތުންނަށް ކުރާނެ ކަމަށް ނައުޝާދު ވިދާޅުވި އެވެ.