މާލެ ސިޓީ ކައުންސިލުގެ މެދުރާސްތާގެ ފައިނޭންޝަލް ޕްލޭންގެ ދަށުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ ޑިވެލޮޕްމަންޓް ޕްލޭންގައި ކަނޑައަޅައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ 9 ޖުލައި 2026 ގައި ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ކުރިއަށް އޮތް ތަނުގައި މާލޭގެ ތަރައްޤީއަށް ކުރަން ރާވާފައިވާ މުހިއްމު މަސައްކަތްތަކުގެ ތަފްޞީލު ހިއްސާކޮށްފަ އެވެ.

ކައުންސިލުން ބުނި ގޮތުގައި މި ޑިވެލޮޕްމަންޓް ޕްލޭނަށް ބޭނުންވާ ފައިސާ ހޯދުމަށް ރާވާފައިވަނީ  ޕްރައިވެޓް ސެކްޓަރއަށް އާންމުކޮށް ހުޅުވާލައިގެންނެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި މާލެއަށް ދިމާވެފައިވާ އެކި މައްސަލަތަކަށް ޙައްލު ހޯދުމުގެ ގޮތުން ޕާކިންގ ބިލްޑިންގތަކާއި، ހައުސިންގ މަޝްރޫޢުތަކާއި، ލަފާފުރާ ގިމަތަތަކުގެ އިތުރުން ޕާކުތަކާއި މައިޒާންތަކާއި ކޮމާޝަލް ބިލްޑިންގތައް ހިމެނެ އެވެ.

ކައުންސިލުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން ކައުންސިލުގެ ބިންތަކާއި އިމާރާތްތައް ކުއްޔަށް ދޫކުރާނެ "ބޭސް ރޭޓް ފްރޭމްވާރކެއް" އެކުލަވައިލައި ތަންފީޒުކުރުން ހިމެނެ އެވެ. މީގެ އިތުރުން، ކައުންސިލްގެ މެދުރާސްތާ ޑިވެލޮޕްމަންޓް ފައިނޭންޝަލް ޕްލޭނުގެ ދަށުން ރިޒާވް ފަންޑެއް ގާއިމުކޮށް، އާމްދަނީ އިތުރުވާނެ ފަދަ ކަންކަމަށް އެ ފަންޑުން އިންވެސްޓްކުރުމަށް ވަނީ ނިންމާފަ އެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް އާމްދަނީ ހޯދުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.

ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކައުންސިލުގެ އިދާރީ ހިންގުމުގެ ޚަރަދު އަހަރުން އަހަރަށް އިތުރުވަމުންދާތީ، އެކަން ހައްލުކުރުމަށް "ޑިޖިޓަލް-ފަސްޓް" ސިޔާސަތެއް ތަންފީޒުކުރުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން، އިދާރީ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، މިހާރު ކުއްޔަށް ހިފައިގެން ހިންގާ އިމާރާތްތައް ދޫކޮށްލުމަށް ވަނީ ރާވާފަ އެވެ. އަދި ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކޮށް، ބަލްކް ޕާރޗެސިންގ ނުވަތަ ގަނޑުކޮށް ތަކެތި ގަތުމުގެ ތެރެއިން ޚަރަދުތައް ކުޑަކުރުމަކީ ވެސް ކައުންސިލުގެ އަމާޒެކެވެ.

މި މަޝްރޫޢުތަކާއި އިޞްލާޙީ ބަދަލުތަކުގެ ސަބަބުން މާލެ ސިޓީ ކައުންސިލަކީ މާލީ ގޮތުން ބާރުވެރި، އަދި ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ދޭ އިދާރާއަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.