މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރަށް އަލަށް އިންތިޚާބުވި ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު، މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ މާލެ ސިޓީ ހޯލުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ކައުންސިލްގެ މި އަހަރުގެ ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމަކީ މާލެ ސިޓީގެ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސިޓީ ކައުންސިލުން އިންތިޒާމުކުރި މުހިންމު ބައްދަލުވުމެކެވެ.

9 ޖުލައި 2026 ގައި ބޭއްވި، މާލެ ސިޓީ ކައުންސިލްގެ، 2026 ވަނަ އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި، މޭޔަރ އާދަމް އާޒިމް ވާހަކަ ދައްކަވަނީ.|މާލެ ސިޓީ ކައުންސިލް
މި ބައްދަލުވުމުގައި މޭޔަރ ވަނީ ސިޓީގެ ކުރިމަގާ މެދު އޮތް އުންމީދުތައް ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ. މޭޔަރ ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ، އެންމެންގެ ބައިވެރިވުން އޮތް، އީޖާދީ، އަދި ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ ސިޓީއެއް ބިނާކުރުމަށް ކަމަށެވެ. އަދި މި މަސައްކަތުގައި ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި ކައުންސިލްގެ ކުރިއަށް އޮތް ދަތުރުގައި އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުން ކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، އަވަސް އަދި ހަރުދަނާ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކައުންސިލްގެ އިސް އިސްތިރާޖީ އަމާޒެއް ކަމުގައި ޢާޒިމް ވިދާޅުވި އެވެ.
އަޅުގަނޑުމެން ކުރިއަށްދާއިރު، އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އަވަސް އަދި ހަރުދަނާ ޚިދުމަތްތަކެއް ފޯރުކޮށްދިނުން. މިއަދު ރައްޔިތުން ބޭނުންވަނީ ލަސްނުވެ، ފަސޭހަކަމާއެކު، އަދި ދެފުށް ފެންނަ ގޮތަށް ޚިދުމަތް ލިބޭނެ މަގުތަކެއް. މި އުންމީދުތައް ހާސިލުކުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހިފުން ނުހަނު މުހިންމު.މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް
މީގެ އިތުރުން ކައުންސިލްގެ މުވައްޒަފުން ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މޭޔަރ ވިދާޅުވީ، އިމާރާތްތަކާއި، ސިސްޓަމްތަކާއި، ޓެކްނޮލޮޖީއަކީ މުހިންމު ވަސީލަތްތަކެއް ކަމަށްވީ ނަމަވެސް، މުވައްޒަފުންނާ ނުލައި އެ ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ނުދެވޭނެ ކަމަށެވެ.
އިމާރާތްތަކާއި، ސިސްޓަމްތަކާއި، ޓެކްނޮލޮޖީއަކީ މުހިންމުވަސީލަތްތަކެއް. އެހެންނަމަވެސް، މުވައްޒަފުންނާ ނުލައި މިވަސީލަތްތަކުގެ އެހީގައިވެސް ރައްޔިތުންނަށް ޚިދުމަތެއްނުދެވޭނެ. ކޮންމެ ކާމިޔާބު މުއައްސަސާއެއްގެ ފަހަތުގައިވަނީއެތަނެއްގެ މުވައްޒަފުން.ޝައްކެއްވެސް ނެތް، ކޮންމެ އިދާރާއެއްގެވެސް އެންމެ އަގުބޮޑު ރައުސްމާލަކީ މުވައްޒަފުންމާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް
ޢާޒިމް އިތުރަށް ވިދާޅުވީ މުވައްޒަފުންގެ ހިތްވަރު ހުރިނަމަ، އައު އީޖާދުތަކަށް މަގުފަހިވެ، ރައްޔިތުންގެ ބޭނުންތަކަށް މާ ފުރިހަމައަށް އިޖާބަދެވޭނެ ކަމަށެވެ. އެހެންކަމުން، މުވައްޒަފުން ބިނާކުރުމަށް ކުރާ ހޭދައަކީ އިސްރާފެއް ނޫން ކަމަށާއި، އެއީ ރަނގަޅު ހިންގުމަކަށާއި ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.
ސިޓީ ކައުންސިލްގެ މުވައްޒަފުންނަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކަށް ވާތީ، އެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، ޚިދުމަތްތަކުގެ ފެންވަރު ބިނާވެފައިވަނީ މުވައްޒަފުންގެ އިލްމާއި، ހުނަރާއި، އަދި މަސައްކަތަށް ހުންނަ ޝައުޤުވެރިކަމުގެ މައްޗަށް ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ލިބިފައިވުމުން، ޚިދުމަތްތައް އަވަސްވެފައި ފުރިހަމަވާނެ ކަމުގެ ޔަގީންކަން މޭޔަރ ޢާޒިމް ވަނީ ދެއްވާފަ އެވެ.