މާލެ ކައިރީގައި ކަނޑުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޖުމުލަ ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާގައި އަނިޔާވި މީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލޭ ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ ރިޕޯޓު މިރޭ 21:16 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ދެ އުޅަނދެއް ޖެހި ހިނގި މި އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު (ދޯނި) ވަނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލާފަ އެވެ.
މި ހާދިސާގައި އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ 5 މީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، "އެލްޖީއެން 101" ނަމަކަށް ކިޔާ މި ލޯންޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެ ފައެވެ. އެގޮތުން ލޯންޗުގެ އެއްފަޅި ވަރަށް ބޮޑަށް ހަލާކުވެ، ސީޓުތައް ވެސް ވަނީ ފުނޑުފުނޑުވެފަ އެވެ. އަދި ލޯންޗުގައި ތިބި ބައެއް މީހުންނަށް ބޮޑެތި ޒަޚަމްތަކެއް ވެފައިވާ މަންޒަރު ފެނެއެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، އެކްސިޑެންޓަށް ފަހު ފިލި އުޅަނދު ހޯދުމަށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.