ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން  އިސްތިއުފާ ދެއްވި މުއާޒް މުހައްމަދު ރަޝީދު، ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށް ފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފެނަކައިގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި މުއާޒް އެ މަގާމުން އިސްތިއުފާ ދެއްވީ 23 ޑިސެމްބަރު 2024 ގައެވެ. 

މުއާޒް ފެނަކަގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މަގާމުން ވަކިވެވަޑައިގަތީ ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ވެއްޓިފައިވާތީ ކަމަށެވެ. އަދި މަގާމުގައި ހުރެގެން އެކަންކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމަކީ ވެސް އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ފެނަކަ ސަލާމަތްކުރުމަށް ތައްޔާރުކޮށްފައިވާ ޕްލޭންތައް ކަމާގުޅޭ އިދާރާތަކާ ހިއްސާކުރި ނަމަވެސް އެކަމުގެ އެއްވެސް އަލިމަގެއް ފެނިފައިނުވާ ކަމަށް މުއާޒްގެ ސިޓީގައިވެ އެވެ. މުއާޒް މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުން އަންގައިގެން ކަމަށް ބައެއް ފަރާތްތަކުން އޭރު އަޑުފަތުރާފައިވާއިރު، އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ވެސް ވަނީ އަމާޒުވެފަ އެވެ.