49 އަހަރުން ދަށުގެ ހިމަބިހި ވެކްސިން ދެ ޑޯސް
ފުރިހަމަވެފައި ނުވާ ފަރާތްތަކަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބުދަ ދުވަހު އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި
ބުނެފައިވަނީ މާލެ އަދި އަތޮޅު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން
ކުރިއަށްގެންދާ އެމްއާރު ވެކްސިން ދިނުމުގެ ޕްރޮގުރާމްގެ ތިންވަނަ ފޭސްގައި
ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 49 އަހަރުގެ ދަށުގެ ވެކްސިން ދެ ޑޯޒް
ފުރިހަމަވެފައި ނުވާ ފަރާތްތަކަށް ކަމަށެވެ.
ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި
ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދީފައި ވަނީ ސިއްހީ ޚިދުމަތްތެރިންނަށާއި 18
އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ. މި އުމުރު ފުރާއަށް ވެކްސިން ދީފައި
ވަނީ 28 ޖޫން އިން ފެށިގެން 30 ޖޫން އަށް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އެމްއާރު ވެކްސިންއަކީ ހުރިހާ ހޮސްޕިޓަލަކުން ހިލޭ
ޖެހޭ ވެކްސިނެއް ކަމަށާއި ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ތެރެއިން އޭޑީކޭ
ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުން ވެސް މި ވެކްސިން ހިލޭ ޖެހޭނެ ކަމަށް
އެޗްޕީއޭއިން ބުނެފައިވެ އެވެ.
އެގޮތުން ޔޫޕީއެޗްސީސީގައި އާދިއްތަ ދުވަހުން
ބުރާސްފަތި ދުވަހުގެ ހެނދުނު 8:30ން މެންދުރު 12:00ށް، ހުޅުމާލެ ހޮސްޕިޓަލްގައި
އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުގެ ހެނދުނު 9:00ން 11:00ށް އަދި ބުދަ ދުވަހާއި
ބުރާސްފަތި ދުވަހުގެ އިތުރުން ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:00ން 3:00ށް
ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެ އެވެ. އަދި ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި
އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ 10:00ން މެންދުރު 2:00ށް މި
ޚިދުމަތްދޭއިރު، ވިލިމާލެ ހޮސްޕިޓަލްގައި އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ
މެންދުރުފަހު 1:30ން 3:30ށް ވެކްސިންގެ ޚިދުމަތް ދޭނެ އެވެ. މީގެއިތުރުން އޭޑީކޭ ހޮސްޕިޓަލްގައި
އާދިއްތަ ދުވަހުން ބުދަ ދުވަހުގެ ހަވީރު 4:00ން 5:00ށް އަދި ޓްރީޓޮޕް
ހޮސްޕިޓަލްގައި ހެނދުނު 8:30ން 10:00ށް ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެ އެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް މާލެ ސަރަހައްދުން މި ބަލި ޖެހުނު މީހުންގެ
ޖުމްލަ އަދަދު ވަނީ 121 އަށް އަރާފަ އެވެ. މި ބަލި ޖެހުނު މީހުންގެ ތެރޭގައި
ގިނައީ ދިވެހިން ކަމަށާއި، އޭގެ ތެރޭގައި ވެސް އެންމެ ގިނައީ 18 އަހަރުން މަތީގެ
މީހުންކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފަ އެވެ.
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ މާހިރުން
އިރުޝާދު ދެއްވަނީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން
ހޯދުމަށާއި، ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން
ޖެހުމަށެވެ.