ހދ. ހަނިމާދޫ
އެއާޕޯޓު ތަރައްޤީކުރުމުގެ ނަމުގައި ބޮޑެތި ބޯޓާއި ޖެޓު ޖައްސަދޭނެކަމަށް ބުނެ ކަނޑާލި
6000 އަށްވުރެ ގިނަ ރުއްގަހުގެ ބަދަލު މިހާތަނަށް ވެސް ރައްޔިތުންނަށް ނުލިބޭކަމަށާއި،
ބަދަލު ހޯދުމަށް ކޯޓަށްދާން ޖެހިފައިވާކަމަށް ހަނިމާދޫ ކައުންސިލުން ބުނެފި އެވެ.
ހަނިމާދޫގައި އޮންނަ "ސޭފްޒޯން ސަރަޙައްދު" ގެ މަސައްކަތުގެ އަދާހަމައާ ގުޅޭގޮތުން
ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި
ވިދާޅުވީ، އެ ސަރަޙައްދަކީ ކުރިން މުޅިންވެސް ރުއްގަސް ހުރި ސަރަޙައްދެއް ކަމަށެވެ.
މި ސަރަޙައްދާ
ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމްއޭސީއެލް އަދި އާރްއޭސީއެލްގެ ބޭފުޅުން ރަށަށް އައިސް
ކައުންސިލާ ބައްދަލު ކޮށްފައިވާ ކަމަށާއި، އެތަން ހުސްކުރަންޖެހޭކަމަށް އޭރު އަންގާފައިވާކަމަށް
ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އޭރު އެތަން ހުސްކުރަން އެންގީ ވީހާވެސް އަވަހަށް
މަޝްރޫއުތައް ފަށަން ބޭނުންވާކަމުގެ ދަޅަ ދައްކައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ
އިބްރާހިމް ވިދާޅުވި ގޮތުގައި އެމްއޭސީއެލް އިން އޭރު ބުނަމުން ދިޔައީ ބޮޑެތި ބޯޓު
ފަހަރު ޖެއްސުމަށާއި، ޖެޓުތައް ޖެއްސުމަށްޓަކައި އެ ސަރަޙައްދު ކޮންމެހެންވެސް ބޭނުންވާކަމަށެވެ.
އަދި ބައިނަލްއަޤުވާމީ އެއަރޕޯޓެއްގައި ހުންނަންޖެހޭ ގިނަ ކަންކަން ފުރިހަމަ ކުރުމަށްޓަކައިވެސް
އެ ބިން ނަގަން ޖެހޭކަމަށް ބުނެފައިވާކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ.
އޭރު އެ ވާހަކަތައް
ޤަބޫލުކޮށް ކައުންސިލުންވެސް ވަނީ ރަށުގެ ތަރައްޤީއަށްޓަކައި އެކަމަށް އެއްބަސްވެފައެވެ.
ނަމަވެސް އެތަނުގައި ހުރި ރުއްގަހުގެ ބަދަލު ދީ ހަދަންޖެހޭ އީއައިއޭތައް ހަދަންޖެހޭނެކަން
ކައުންސިލުން އޭރުވެސް އޮތީ ފާހަގަކޮށްފައިކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ
އިތުރުން، ސަރުކާރުން ބޭނުންވީމާ އެއް ދުވަސްތެރޭގައި އީއައިއޭގެ މަސައްކަތްވެސް ނިންމާލި
ކަމަށާއި، ނަމަވެސް އެތަނުގައި މަސައްކަތް ފެށީ ދޭންޖެހޭ ބަދަލުވެސް ދިނުމެއް ނެތިކަމަށް
ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކަންއެހެން
އޮތްނަމަވެސް އެއާޕޯޓު މަޝްރޫއު ކުރިއަށްދާން ރައްޔިތުންވެސް އެދޭތީ ކައުންސިލުންވެސް
އެ ފުރުސަތު ދީގެން ތިބިކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މިހާތަނަށް ބަދަލު ލިބުނު
އެއްވެސް ރައްޔިތަކު ނެތްކަމަށާއި، ބަދަލު ބޭނުންވާނަމަ މިއަދު ކޯޓަށް ދިއުން ނޫން
ގޮތެއް ނެތް ކަމަށެވެ.