ޕޯސްޓް މެދުވެރިކޮށް ދިވެހިރާއްޖެ އަށް އެތެރެ ކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ބުރާސްފަތި ދުވަހު ކަސްޓަމްސްއިން ބުނީ، 18 ޖޫން 2026 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 3.6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
ކަސްޓަމްސްއިން އަތުލައިގަތީ 3610 ގްރާމްގެ ސިންތަކެޓިކް ކެތިނޯން އެވެ.
ކަސްޓަމްސް އިން ބުނީ، މި މަސްތުވާތަކެތީގެ މަަގުމަތީއަގު 5 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަަމަށެވެ.
ދޭތެރެދޭތެރެއިން ކަސްޓަމްސްއިން ދަނީ ވައިގެ މަގުންނާއި، ކަނޑުގެ މަގުން ރާއްޖެ އަށް އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ.
އެގޮތުން މިދިޔަ މަސް ތެރޭގައި ވެސް މަސްތުވާތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ވޭޕް އަދި ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެެރެކުރަން މަސައްކަތް ކުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓްރިޖް އަތުލައިގަނެފައިވެ އެވެ.