އިންތިޚާބުތަކާ
ދިމާކޮށް ރަށްރަށަށް ދަތުރުފުޅުތައް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.
މުޙައްމަދު މުއިއްޒު ވިދާޅުވަނީ، އިންތިޚާބާ ދިމާކޮށް އެޅި ބިންގާތަކުގެ މަސައްކަތްތައް
ކުރިއަށް ނުދާތީ ކަމަށާއި، މަޝްރޫއުތަކަށް ކޮނުނު ވަޅުގަނޑުތަކުގައި މަދިރި
އާލާވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ
ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުﷲ ވަހީދު ވިދާޅުވީ، އިންތިޚާބުތަކާ
ދިމާކޮށް ރަށްރަށަށް ދަތުރުތައް ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް
ވިދާޅުވަމުން ގެންދެވި ނަމަވެސް، އޭގެ ހަގީގީ ސަބަބަކީ އިންތިޚާބާ ދިމާކޮށް ފެށި މަސައްކަތްތައް
ހުއްޓިފައި އޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ
އޭރު އެކި ރަށްރަށުގައި މަޝްރޫއުތައް އިއުލާނުކޮށް، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން
ބިންގާތައް އެޅި ނަމަވެސް، އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ އެއްވެސް ޕްލޭނެއް ނުވަތަ
ނިޒާމެއް މި ސަރުކާރުގައި ނެތް ކަމަށެވެ.
އިންތިޚާބުތަކާ ދިމާކޮށް ރަށްރަށަށް ދަތުރުތައް ނުކުރައްވާނެކަމަށް މިއަދުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ވަރަށް ގިނައިން އެބަ ވިދާޅުވޭ، އިންތިޚާބަށް ދަތުރު ނުކުރެވޭނެ ނޫންތޯ އިންތިޚާބާ ދިމާކޮށް އެޅި ބިންގާތަކުގެ މަސައްކަތްތައް އެގޮތަށް ނުހިނގަންޏާ،ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު
ރަށްރަށުގެ
މަޝްރޫއުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން އަބްދުﷲ ވަހީދު ވިދާޅުވީ، ބައެއް ރަށްރަށުގައި
އިންތިޚާބާ ދިމާކޮށް ކޮނުނު ވަޅުގަނޑުތަކުގައި މިހާރު ހުރީ މަދިރި އާލާވެފައި ކަމަށެވެ.
އަދި ބައެއް ރަށްރަށުގައި ޖެހި ކަޑަތައް އެއްކޮށް ވީރާނާވެފައިވާ އިރު، އެ މަޝްރޫއުތަކަށް
ގެންދިޔަ މުދަލަށް ވީނުވީއެއްވެސް މިއަދު އެނގެން ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން
އަބްދުﷲ ވަހީދު ވިދާޅުވީ، މި ސަރުކާރުން ފެށި ހުރިހާ މަޝްރޫއެއްގެ ނަތީޖާ މިއަދު އޮތީ
ސުމެއްގައި ކަމަށެވެ. އިންތިޚާބާ ދިމާކޮށް އެޅި ބިންގާތަކުގެ މަސައްކަތްތައް އެއްގޮތަކަށްވެސް
ކުރިއަށް ނުދާއިރު، ރައީސަށް ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް ދައްކާނެ ވާހަކައެއް
ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވަހީދު
އިތުރަށް ވިދާޅުވީ، އިންތިޚާބާ ދިމާކޮށް ދަތުރު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވާ
ވިދާޅުވުމަކީ ހަގީގަތުގައި މަޝްރޫއުތައް ހުއްޓިފައި އޮތުމުން ރައްޔިތުންގެ ޝަކުވާތަކާ
ކުރިމަތިލާން ޖެހިވަޑައިގަންނަވާނެތީ އެކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ބަހަނާއެއް
ކަމަށެވެ. މަޝްރޫއުތައް ހިނގަމުންދާ ނަމަ އިންތިޚާބާ ދިމާކޮށްވެސް ރަށްރަށަށް ވަޑައިގަތުމަށް
އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.