މިހާތަނަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ، އއ.ތޮއްޑޫ ހޮސްޕިޓަލް ގެ މަޝްރޫއު އަންނަ އަހަރު ނިންމާނެ ކަަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުން މަޖިލީހުގައި، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ތޮއްޑޫގެ ހޮސްޕިޓަލް ގެ މަސައްކަތް މި އަންނަ އަހަރު ނިންމާނެ ކަމަށެވެ. 

ތޮއްޑޫގެ ހޮސްޕިޓަލް ގެ މަސައްކަތް މި އަންނަ އަހަރު ނިންމާނެ ވާހަކަ ވެސް އިއްޒަތެރި މެންބަރުގެ މައުލޫމާތަށްޓަކައި ދަންނަވާލަން. 
ހެލްތް މިނިސްޓަރު ގީލާ އަލީ

މިނިސްޓަރު ގީލާ މިހެން ވިދާޅުވި ނަމަވެސް މިހާތަނަށް އެ ހޮސްޕިޓަލް ގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ. އެހެންކަމުން މިމަޝްރޫއު ނިންމައި، އެ ހޮސްޕިޓަލުން އަންނަ އަހަރު ޚިދުމަތް ލިބޭނެ ކަމާމެދު އެރަށުގެ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. 

20 އޮގަސްޓް 2025 ގައި ރައީސް ޑރ.މުހައްމަދު މުއިއްޒު، ތޮއްޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ، އެރަށުގައި މިހާރު އިމާރާތް ކުރަން ފަށާފައިވާ ސިއްހީ މަރުކަޒުގެ 30 އެނދުގެ އިމާރާތް، 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، އެ ރަށުގައި ހޮސްޕިޓަލެއް އިމާރާތް ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެފަހުން މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ ކަމަށް ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފައިވެ އެވެ. 

މީގެ އިތުރުން އއ.ރަސްދޫ ހޮސްޕިޓަލް ގެ މަސައްކަތް ފެށޭނެ ތާރީހާ ގުޅޭގޮތުން މެންބަރު ސަމީރު ކުރެއްވި ސުވާލަށް މިނިސްޓަރު ގީލާ ވިދާޅުވީ، ރަސްދޫ ހޮސްޕިޓަލް ގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ކުވެއިތު ފަންޑުގެ އެހީގައި އއ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއެކު މިމަޝްރޫއު އޮތީ ވާނުވާގަ އެވެ. އޭގެފަހުން 16 އޯގަސްޓް 2025 ގައި ރަސްދޫގައި 50 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފަ އެވެ. 

780 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މި މަސައްކަތުގެ އަގަކީ 185،571،402.42 ރުފިޔާ އެވެ.