އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ގާއިމުކުރުމަށް ނިންމާފައިވާ އިންވެސްޓްމަންޓް އެއްބަސްވުމުގެ މަޝްވަރާތައް ނިމި ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވާ މިނިސްޓަރ ސައީދު މިކަން ހާމަ ކުރެއްވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ކުރަންޖެހޭ ގާނޫނީ ދިރާސާތަކާއި ލިޔެކިޔުންތައް ފުރިހަމަކުރުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށް ކުރަމުންދާ މަޝްވަރާތައް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފަ އެވެ.

މި ކަންކަމާ ގުޅޭގޮތުން އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް، އިންޑިއާއަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުންދާ ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔުޝް ގޯޔަލް ވަނީ ބައްދަލު ކުރައްވާފަ އެވެ.

މި ބައްދަލުވުމަށްފަހު ސައީދު ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ވަރަށް ބާރުމިނުގައި ކުރިއަށްދާ ކަމަށާއި، އަދި އިންވެސްޓްމަންޓް އެއްބަސްވުމުގެ (ބީއައިޓީ) މަޝްވަރާތައް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެއްބަސްވުމުގެ ގާނޫނީ ކަންކަން ފުރިހަމަކުރުމުގެ މަރުހަލާ ކަމަށެވެ.

އިންޑިއާގެ ވަޒީރު ޕިޔުޝް ގޯޔަލް ވިދާޅުވީ، އިންވެސްޓްމަންޓް އެއްބަސްވުމާއި، އޭގެ ފަހުން ސޮއިކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައިވާ އިންވެސްޓްމަންޓް އެއްބަސްވުމާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން އަވަސްކުރުމަށް ދެ ގައުމުން ވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި، އަލަށް ފަށާ ވިޔަފާރިތަކާއި (ސްޓާޓްއަޕްސް)، ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކުގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައި ކަމަށް ބުނެފައިވެ އެވެ.

ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ (ބީއައިޓީ) އަކީ ދެ ގައުމުގެ މެދުގައި ކުރެވޭ އިންވެސްޓްމަންޓްތަކަށް ހިމާޔަތްދީ، އެކަންކަން ކުރިއެރުވުމަށް އެހީތެރިވެދޭ އެއްބަސްވުމެކެވެ. އިންޑިއާއިން ދާދިފަހުން ވަނީ އިސްރާއީލާއި ޔޫއޭއީ ފަދަ ގައުމުތަކާއެކު ވެސް މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފަ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ މެދުގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2000 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް، ދިވެހިރާއްޖެއިން އިންޑިއާއަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގެ ގޮތުގައި 12.65 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފަ އެވެ.

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރިއަށްދިޔަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކުގެ ބުރެއް ޖުލައި މަހުގެ 7 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން، ދެ ގައުމުގެ މެދުގައި މުދާ އެތެރެކުރުމުގައި ނަގާ ޑިއުޓީ ނުވަތަ ޓެކްސް ވަރަށް ބޮޑަށް ކުޑަކުރެވި ނުވަތަ އެއްކޮށް އުނިކުރެވިގެންދާނެ އެވެ.

2024-25 ވަނަ އަހަރު ދެ ގައުމުގެ މެދުގައި ކުރެވުނު ވިޔަފާރީގެ އަދަދު 690 މިލިއަން ޑޮލަރުގައި ހުރިއިރު، 2025-26 ވަނަ އަހަރު މި އަދަދު ވަނީ 13.5 އިންސައްތަ އިތުރުވެ، 771.76 މިލިއަން ޑޮލަރަށް އަރާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރި 458.71 މިލިއަން ޑޮލަރުގެ މުދަލާއި، ރާއްޖެއިން އިންޑިއާއަށް އިމްޕޯޓްކުރި 313 މިލިއަން ޑޮލަރުގެ މުދަލެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ އެންމެ މުހިންމު ވިޔަފާރީގެ ބައިވެރިޔާއެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ ބާ ދަގަނޑުގެ ބާވަތްތަކެވެ. އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ ތަކެތީގެ ތެރޭގައި އިންޖިނިއަރިން އަދި ސިނާއީ އުފެއްދުންތަކާއި، ބޭހާއި، ރާޑަރު ފަދަ އާލާތްތަކާއި، ހިލަ އާއި ހިލަވެއްޔާއި، ސިމެންތީގެ އިތުރުން ހަނޑޫ، ހަވާދު، މޭވާ، ތަރުކާރީ އަދި ކުކުޅުބިސް ފަދަ ދަނޑުވެރިކަމުގެ ބާވަތްތައް ހިމެނެ އެވެ.

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެންމެ ފުރަތަމަ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 1981 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އިންޑިއާއިން ފޯރުކޮށްދެ އެވެ.