ހއ. ހޯރަފުށީގައި ވިޔަފާރި ކުރުމަށް ގަވާއިދާ ޚިލާފަށް ބިމެއް ދޫކުރި ކަމަށް ބުނާ މައްސަލައިގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީޑިއާތަކަށް ފޮނުވި ބަޔާން ތިން ފަހަރަށް ބަދަލުކޮށްފި އެވެ.
މި މައްސަލައަކީ ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" އަށް 5،000 އަކަފޫޓުގެ ބިމެއް ގަވާއިދާ ޚިލާފަށް އެ ރަށު ކައުންސިލުން ދިން ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ހުރިހާ މެންބަރުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 20 އެޕްރީލް 2024 ގަ އެވެ.
މިކަމާ ގުޅޭގޮތުން އޭސީސީން މީޑިއާ ގްރޫޕަށް ފޮނުވި ބަޔާން ތަކުރާރުކޮށް ބަދަލުކޮށްފައިވާތީ ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފަ އެވެ. އެގޮތުން، އެންމެ ފުރަތަމަ އޭސީސީން ބަޔާން ފޮނުވާފައިވަނީ މިއަދު މެންދުރުފަހު 2:55 ގައެވެ. ނަމަވެސް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ބަޔާން ޑިލީޓް ކުރުމަށްފަހު، ދެވަނަ ފަހަރަށް ބަޔާން ފޮނުވީ 3:04 ގައެވެ. އޭގެ ތިން މިނެޓު ފަހުން، 3:07 ގައި އަނެއްކާވެސް ކުރީގެ ބަޔާން ޑިލީޓްކޮށް، ތިންވަނަ ފަހަރަށް ވަނީ ބަޔާން އާންމުކޮށްފަ އެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ ފަރާތްތަކުގެ ތެރޭގައި ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުޙައްމަދު ވަޙީދާއި، ނައިބު ރައީސް އަޙްމަދު އިމްދާޙުގެ އިތުރުން ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރު، އަޙްމަދު ރައޫފު، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާޞިޙާ ހިމެނެއެވެ. މި ހަތް މެންބަރުންނަކީވެސް އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންކަން ފާހަގަކޮށްލެވެ އެވެ.
އޭސީސީން ބަޔާން ތިން ފަހަރަށް ބަދަލުކުރި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިފަދަ މުހިންމު މައްސަލައެއްގައި ކޮމިޝަނުގެ އިދާރީ ހިންގުމުގެ ތެރެއިން މިފަދަ ގޯސްތަކެއް ހިނގުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.