ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ސަސްޕެންޑްކޮށްފި އެވެ. 

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން އަލީ މުސްތަފާ ސަސްޕެންޑް ކޮށްފައިވާ ކަމަށާއި، އޭނާ ސަސްޕެންޑުކުރަން ނިންމީ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

އެކޮމިޝަނުން ބުނީ، ވަކި ގޮތެއް އަންގަންދެން 60 ދުވަހަށް އަލީ މުސްތަފާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. 

ޖޭއެސްސީން ބުނީ މައްސަލައިގެ ބާވަތާއި ތަހުގީގަށް ހޯދާފައިވާ މައުލޫމާތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އަލީ މުސްތަފާ ސަސްޕެންޑް ކުރަން ނިންމީ ކަމަށެވެ.