އައްޑޫ ސިޓީ ހިތަދޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މި މާރާމާރީގެ މައްސަލަ 4 ޖުލައި 2026 ވަނަ ދުވަހުގެ ރޭ 22:00 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށްފައިވަނީ 6 ޖުލައި 2026 ގަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ޢަޠީނާ، ޝިޔާޙު މުޙައްމަދު (26އ) އާއި، ސ. ހިތަދޫ / ބޯޅަކިންކިރުމާގެ، މުޙައްމަދު މާހިލް އަޙްމަދު (18އ) ގެ އިތުރުން 17 އަހަރުގެ ކުއްޖެކެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު 3 މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދަނީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ދަށުންނެވެ.

މުޖުތަމައުގެ ސަލާމަތާއި އަމާންކަން ގެއްލޭފަދަ އެއްވެސް އަމަލަކަށް ފުލުހުން ޖާގަ ނުދޭނެކަމާއި، މިފަދަ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެ ކަމަށް ފުލުހުން ބުނެ އެވެ.